އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ މެމްބަރަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢައްޔަންކުރައްވައިފިއެވެ.
ޑރ ޝަހީމް އެމަޤާމަށް ޢައްޔަންކުރީ 8 އޮގަސްޓް 2024 ގައި ބޭއްވި އެ އެކަޑަމީގެ އިދާރީ ބައްދަލުވުމުގައެވެ.

ޑރ ޝަހީމް ވަނީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރު ކަމާއި އެޖަމިއްޔާގެ "ވޮއިސް އޮފް ވިސްޑޮމް ސެންޓާ" ގެ ވެރިޔާގެ މަގާމުވެސް ފުރުއްވާފައެވެ.
ޑރ. ޝަހީމް އަކީ އަބަދުވެސް އިސްލާމީ ޤައުމުތަކާއި އަދި އިސްލާމީ ޖަމާއަތްތަކާއި ގާތް ގުޅުމެއް ބާއްވަވައި އިސްލާމީ ދުނިޔޭގެ ތާއީދު ލިބިވަޑައިގެންފައިވާ ޝަޚްޞިއްޔަތެކެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް އަންނަނީ ތަފާތު ގޮތްގޮތުން ފައިދާތަކެއް ކުރަމުންނެވެ.