ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަލްފާޟިލް މޫސާ ޒަމީރު މިއަދު ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާދަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު، ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢުދުގެ ދަޢުވަތަކަށް އިޖާބަދެއްވައި ކުރައްވާ ދަތުރުފުޅެކެވެ.
ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޚާރިޖީ ވަޒީރަށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތެއް ބޭއްވުނެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތީ ސަޢޫދީ ޚާރިޖީ ވުޒާރާގެ ޕްރޮޓޮކޯލް ޝުއޫނަށް ޙަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޢަބްދުލް މާޖިދު އައްސަމާރީ އާއި ރިޔާދުގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ އިސް ބޭފުޅުންނެވެ.
މި ދަތުރުފުޅުގެ މުހިންމު އެއް ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ސިޓީފުޅެއް ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދަށް ރައްދުކުރެއްވުމެވެ.
މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރެވޭނެ ކަމަށް ބެލެވެއެވެ. އަދި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ އެހެނިހެން މުހިންމު ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.