ގަވާއިދާ ޚިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ރަނގަޅުކުރަން 6 މަސް ދުވަހުގެ މުއްދަތެއް ސަރުކާރުން ދީފިއެވެ.
މިކަމާގުޅިގެން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން މިއަދު ވިދާޅުވީ، ރަޖިސްޓްރީނުކޮށް އަދި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްގެން މާލެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ހަތަރުފުރޮޅުލީ އުޅަނދުތައް ޓޯކުރުމުގެ ބަދަލުގައި އެ އުޅަނދުތަކުގެ ރަޖިސްޓްރީ ރަނގަޅުކުރަން މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މި ނިންމުމާ ގުޅިގެން، ރަޖިސްޓްރީ ރަނގަޅުކުރުމަށް 40 ދުވަހުގެ ތެރޭގައި ސަރުކާރުން ކަނޑައަޅާ ބިމަކަށް އެ އުޅަނދުތައް ގެންދަންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ބިމަށް އުޅަނދު ގެންދިއުމަށްފަހު 6 މަސް ދުވަހުގެ ތެރޭގައި އުޅަނދުގެ ރަޖިސްޓްރީ ރަނގަޅުކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިގޮތަށް ހެދީމަ ޓޯކުރުމުން ދައްކަންޖެހޭ ޖޫރިމަނާއިން ވެރި ފަރާތް އެބަ ސަލާމަތްވޭ. 6 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ރަނގަޅުކޮށް އެތަނުން ވެހިކަލް ނަގަންޖެހޭނެ. މި މުއްދަތުގައި އެހެން ޒޯނަކަށް ވެހިކަލް ގެންދިޔުން، ނުވަތަ މާލެ ހިމެނޭ ޒޯނަށް ވެހިކަލް ރަޖިސްޓްރީކުރުން ނުވަތަ ވަގު ރަޖިސްޓްރީތައް ބަދަލުކޮށް، ގަވައިދާ އެއްގޮތަށް ވެހިކަލް ރަޖިސްޓްރީކުރަން ޖެހޭނެ." ވަޒީރު އަމީން ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުން ކަނޑައަޅާ ބިމަކަށް އުޅަނދު ގެންދިއުމާއި ރަޖިސްޓްރީ ރަނގަޅުކުރުމަކީ ވެރިފަރާތް އަމިއްލައަށް ކުރަންޖެހޭ ކަމެއް ކަމަށެވެ.