ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ރެފްރީ މައްލާ ޅަތުއްތު ނިޔާވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ފޫނުބެއްދޭނެ ބޮޑު އުނިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މައްލާ ޅަތުއްތު ނިޔާވުމާ ގުޅިގެން ރައީސް މުޢިއްޒު އެކްްސް ގައި ކުރެއްވި ޕޯސްޓޓެއްގައި ވިދާޅުވީ މައްލާ ޅަތުއްތު ނިޔާވުމަކީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ބޮޑު އުނިކަމެއް ކަމަށާއި މައްލާ ޅަތުއްތަކީ ކުޅިވަރު ކުރިއެރުވުމުގައި ބައި ޤަރުނަށްވުރެ ގިނަ ދުވަހު ޤައުމަށް ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.
ފީފާ ބެޖު ހާސިލުކުރި ފުރަތަމަ ދިވެހި ރެފުރީ މައްލާ ޅަތުއްތަކީ ކުޅިވަރު ކުރިއެރުވުމުގެ ރޮނގުން ޤައުމީ ހިތްވަރުދިނުމުގެ އިނާމާއި، ޤައުމީ ޝަރަފްވެރިކަމުގެ އިނާމާއި، ދައުލަތަށް ދިގުމުއްދަތަކު ޚިދުމަތްކުރެއްވުމުގެ އިނާމާއި، ކުޅިވަރުގެ ލައިފް އެޗީވްމަންޓް އެވޯޑް ވެސް ޙާޞިލްކުރައްވާފައިވާ ޤައުމީ ޚިދުމަތުގެ ނަމޫނާ ޝަޚްޞިއްޔަތެއް ކަމުގައި ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރައީސް ވަނީ މަރުޙޫމް މައްލާ ޅަތުއްތުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދިވަޑައިގަތެވެ. އަދި މާތްﷲ ގެ ތަނަވަސް ރަޙުމަތާއި މަޣުފިރަތުގައި، އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް މައްލާ ޅަތުއްތު ލަހައްޓަވާށިކަމަށް ދުޢާ ކުރެއްވިއެވެ.
މައްލާ އަކީ އޭނާއަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި 1969 އިން 1995 އަށް ރެފުރީކަން ކުރެއްވި ބޭފުޅެކެވެ. އަދި ފީފާ ބެޖުގައި ރެފުރީކަން ކުރައްވާފައިވަނީ 1990 އިން 1993 އަށެވެ. މީގެ އިތުރުން މައްލާ ވަނީ އޭޝިއަން ކުލަބު ޗެމްޕިއަންޝިޕާއި، ސާފް ގޭމްސް އާއި، ސްރީ ލަންކާގެ ފުރަތަމަ ޑިވިޝަނުގައިވެސް ރެފުރީކަން ކުރައްވާފައެވެ.
މައްލާ އަވަހާރަވީ އިންޑިއާގެ ޓްރިވެންޑްރަމްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން އަންނަނިކޮށެވެ.