ރޭގަނޑުގެ ވަޤުތުތައް ބޭކާރުގޮތުގަ ގެއިން ބޭރުގަ ހޭދަނުކޮށް ދެމަފިރިން އެކުގަ އުޅުމާ އެކުގަ ނިދުމަކީ ކައިވެނި ދެމެހެއްޓުމަށާ ޞާލިޙް އަޅަކަށްވުމަށްވެސް ކޮންމެހެން ކުރަންޖެހޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ރޭގަނޑުގެ ވަޤުތުތައް ބޭކާރުގޮތުގަ ގެއިން ބޭރުގަ ހޭދަނުކޮށް ދެމަފިރިން އެކުގަ އުޅުމާ އެކުގަ ނިދުމަކީ ކައިވެނި ދެމެހެއްޓުމަށާ ޞާލިޙް އަޅަކަށްވުމަށްވެސް ކޮންމެހެން ކުރަންޖެހޭނެ ކަމެއް!

މިރޭގެ ދަރުސްގެ މައުޟޫއަކީ ދަމުނަމާދެވެ. ވީމާ މައުޟޫއަށް ފެށުމުގެ ކުރިން މިދައްކަނީ ހަމަ ދަމުނަމާދާއި ވަރަށް ގުޅުންބޮޑުކަމެއްގެ ވާހަކައެވެ. އެއީ ކޮންމެހެން ހުންނަން ޖެހިގެން ނޫނީ ރޭގަނޑު ނުނިދާ ހޭލާ ހުރުމުގެ ވާހަކައެވެ.

މިހެން ބުނީމާ އެކަމާއި ދަމުނަމާދާއި ހުރީ ކޮންގުޅުމެއްތޯ ސުވާލުކޮށްފާނެއެވެ! އެއީ ވަރަށް ގުޅުން ބޮޑު ދެކަންތަކެވެ. ސަބަބަކީ ދަމުނަމާދަށް ނުހޭލެވޭ އެންމެ ބޮޑު ސަބަބަކީ ލަހުން ނިދުމެވެ. އެއަށްފަހު ދެން މިއޮތީ ޢާއިލީ ގުޅުންތަކުގެ މައްސަލައެވެ. ފިރިމިހާ ބޭކާރުގޮތުގައި ރޭގަނޑު ބޭރުގައި ވަގުތުތައް ހޭދަކުރަންފެށީމާ އަނބިން މިހާރު ބަލާކަށް ނުތިބެއެވެ. އެހެން ގޮތެއް ހޯދައެވެ. މާނައަކީ އެފަދަ ފިރިންގެ ގާތުން ވަރިވެ ދެވަނަ ބައިވެރިއަކު ހޯދައެވެ.

ވީމާ މިމައްސަލައަށް ތަންކޮޅެއް ބޮޑަށް ވިސްނައި ސަމާލުކަންދޭން އެބަޖެހެއެވެ.

"ހަމަކަށަވަރުން ރަސޫލް (ﷺ) ޢިޝާ ނަމާދުގެ ކުރިން ނިދުމާއި އަދި އެނަމާދުކުރުމަށްފަހު ވާހަކަދެއްކުމަށް ހޭލާ ހުރުމަށް ރުހިވަޑައިނުގަންނަވަތެވެ!" (ޞަޙީޙް ބުޚާރީ: 568)

މި ޙަދީޘްފުޅުން އެނގިގެންދަނީ ޢިޝާ ނަމާދުގެ ޖަމާއަތް ގެއްލިދާނެ ފަދަ ގޮތަކަށް ނިދުމާއި އަދި ކޮންމެހެން ހޭލައި ހުންނަން ޖެހިގެން ނޫނީ ޢިޝާ ނަމާދަށްފަހު ހޭލައި ހުރުމަކީ ރަސޫލް (ﷺ) ރުހިވަޑައިގަންނަވާ ކަމެއް ނޫން ކަމެވެ.

އެކަމުގެ އެންމެ ބޮޑު ސަބަބަކީ ނިދުން ފަސްކުރުމުން ފަތިސް ނަމާދަށް ހޭލަން އުނދަގޫވުމާއި ބޭކާރު ގޮތުގައި ރޭގަނޑު ހޭލައި އުޅުމަކީ ފާފަތައް ކުރެވުމަށް އިތުރަށް މަގުފަހިވާ ކަމެއް ކަމުގައިވުން ކަމުގައި ޤަބޫލުކުރެވެއެވެ.

ކަން މިހެން އޮތް ނަމަވެސް މިނުބައި އާދަ މިހާރު މުޖުތަމައުތަކުގައި މިވަނީ ވަރަށް ބޮޑަށް އަށަގެންފައެވެ. ނަތީޖާއެއްގެ ގޮތުން ފަތިސް ނަމާދަށް ނުހޭލެވޭ މީހުން ގިނަވުމާއި ފާފަތަކަށް އަރައިގަނެވޭ މިންވަރު ވެސް މިދަނީ ދުވަހެއް ދުވަހަށް އިތުރުވަމުންނެވެ.

އަހަރެމެން ކޮންމެ މީހަކު މީހަކުވެސް ބުނާނީ އަހަރެމެން ރަސޫލް (ﷺ) ދެކެ ލޯބިވާ ކަމަށެވެ. ހަޤީޤަތުގައި ލޯބިވާނަމަ ރަސޫލް (ﷺ) ގެ މިފަދަ އިރުޝާދުތަކުގައި ހިފަހައްޓާނެއެވެ. ރަސޫލް (ﷺ) ރުހިވަޑައި ނުގަންނަވާ ކަންކަމެއް ނުކުރާނެއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން