މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓޭނީ މުޖުތަމަޢުގެ ވިސްނުން ވަރަށް ބޮޑަށް ބަދަލުކޮށްގެންކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިޙްސާން މިހެން ވިދާޅުވީ "ރައްކާ" ރޯޑް ސޭފްޓީ ޕްރޮގްރާމްއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ޤައުމަށް އަންނަމުންދާ ތަރައްޤީއާ އެއްވަރަށް ސިކުނޑިތައްވެސް ތަރައްޤީވާންޖެހޭކަމަށެވެ. އަދި ޤާނޫނުތައް ތަންފީޒު ނުކޮށް ދޫކޮށްލާފައި އޮތްއިރު އެކަމުން ފައިދާތަކެއް ލިބުނު މީހުން އުޅޭކަމަށާއި ނަމަވެސް ޤާނޫނުތައް ތަންފީޒުކުރަން ފެށުމުން އެ ފަދަ މީހުންނަށް އުނދަގޫވެގެން އުޅޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޤާނޫނު ތަންފީޒުކޮށް، ކަންކަން ޙައްލުކުރަން އަޅާ ފިޔަވަޅަކީ ބައެއް ޙައްގު ނިގުޅައިގަތުންކަމަށް ދެކޭ ވިސްނުން ބަދަލުވާންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ މީހުންގެ ޙައްގު ހޯދައިދޭންކަމަށް ބުނެ އަޅާ ބައެއް ފިޔަވަޅުތަކުން، މުޖުތަމަޢުގެ ކަންކަން ގޯހުން ގޯހަށްދާތަން ފެނިފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"އުސޫލުގެ ދަށުން ފުލުހުން ފިޔަވަޅު އެޅީމަ އެއީ ޙައްގު ނިގުޅައިގަނެވުނީކަމަށް ދެކޭ މީހުން އެބަތިބި. ޤާނޫނު ނަގަހައްޓާނަމަ ކޮންމެވެސް ވަރެއްގެ ދަތިކަމެއް އަންނާނެ. ނަމަވެސް މީހަކު ޤާނޫނާ ޤަވައިދާ ޚިލާފައި ވީމަ ފިޔަވަޅު އަޅަނީ. އުސޫލުން ފިޔަވަޅު ނޭޅި އިސްލާހެއްވެސް ނުވާނެ." ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފްއެވެ. "ރައްކާ" ރޯޑް ސޭފްޓީ ޕްރޮގްރާމަކީ މަގުމަތީގެ ރައްކާތެރިކަން އިތުރުކުރުމަށް 10 އަހަރު ކުރިން ފެށި ޕްރޮގްރާމެކެވެ.