ޢައްޒާގެ ތަބިޢީން ސްކޫލަށް ޔަހޫދީން ދިން ހަމަލާއަކީ ނަސްލު ނައްތާލުމަށް ހިންގި ޤަތުލްޢާމެއް ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ. މި ހަމަލާގައި ސަތޭކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
މިކަމާއިގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާއަކީ އެ ސްކޫލުގައި ހިޔާވަހިކަން ހޯދަމުންދިޔަ ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގި ޤަތުލްޢާމެއް ކަމަށާއި އަދި މިއީ އެ ސްކޫލުގައި ހިޔަވާހިކަން ހޯދަމުން ދިޔަ ފަލަސްޠީނު ރައްޔިތުންނާއި ދެކޮޅަށް ހިންގި ނަސްލު ނައްތާލުމުގެ ޢަމަލެއްކަމަށެވެ.
އަދި މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އިންސާނީ ހައްޤުތަކުގެ ޤާނޫނު އަދި އ.ދގެ ސެކިއުރިޓީ ކައުންސިލުގެ 2610 ވަނަ ޤަރާރާ ޚިލާފު ކަމެއްކަން ފާހަގަކޮށްފައިވެއެވެ.
ދިވެހި ސަރުކާރުން ވަނީ މިފަދަ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އަދި ޢައްޒާގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ގެނެސް، ސަރަޙައްދުގައި ސުލްހަ މަސަލަސްކަން ޤާއިމްކުރުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
ސަރުކާރުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދިވެހި ސަރުކާރުންނާއި ދިވެހި ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާއެކުގައި ކަމަށެވެ.
މި ހަމަލާ ދީފައިވަނީ ގިނަ ޢަދަދެއްގެ ބަޔަކު ފަތިސް ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެ، ނަމާދު ކުރަމުންދިޔަ ވަގުތުގައެވެ. ތަބިޢީން ސްކޫލަކީ ފަލަސްޠީނުގެ އެތައް ހާސް ރެފިއުޖީންނެއް ވަގުތީ ހިޔާވަހިކަމެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެކެވެ.