ދަރިންގެ ޢުމުރުން 7 އަހަރުވުމުން ނަމާދުކުރަން ޝައުޤުވެރި ކުރުމުގެ މަސައްކަތް ކުރަން ފަށައި އަދި 10 އަހަރުވުމުން މަޖުބޫރުކުރުވައިގެންވެސް ދަރިން ލައްވައި ނަމާދުކުރުވަން އޮތީ ހަމައެކަނި ބުނެލާ ބަހެއްގެ ގޮތަކު ނޫނެވެ. ތަންފީޒުކުރަންޖެހޭ ކަމެއްގެ ގޮތުގައެވެ.
އެހެންވެ ދަރިން ގާތުގައި ނަމާދަށް ދާން މައިންބަފައިން ބުނެއެވެ. މިއީ ހަމައެކަނި ބުނެލައިގެން ފުއްދައިލެވެން އޮތްކަމެއް ނޫނެވެ. ކުރިން ބުނި ފަދައިން މިއީ ޢަމަލުކޮށް ތަންފީޒުކުރަން މަޖުބޫރު ކަމެކެވެ. މައިންބަފައިންގެ މައްޗަށް އޮތް ވާޖިބެކެވެ. އަދި އެންމެ ބޮޑު އެއް ޒިންމާވެސްމެއެވެ.
ވީމާ ދަރިން ލައްވައި ނަމާދުކުރުވަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށް މައިން ބަފައިން ނަމާދުކޮށް ދަރިންނަށް އެންމެ ކުޑައިރުންސުރެ ނަމޫނާ ދައްކާށެވެ. ކުދިން ލައްވައި ގޭގައި ނަމާދުކުރުވާށެވެ. ފިރިހެން ކުދިން މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ގެންދާށެވެ. ނަމާދުކުރުމަށް ކުދިންގެ ހިތުގައި ލޯބި ޖައްސުވާށެވެ.
ދެން ނިންމާލަމުން ހަނދާންކޮށްލަންޖެހެނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ވިދާޅުވެފައިވާ ބަސްފުޅެކެވެ. "އިރުއޮއްސުމުން ނައިޓްކްލަބަށްދާ ބެލެނިވެރިންގެ ދަރިން ދީނީ ޝައިޚުންނަށް ހަދަން އުޅުނަސް އެކަމެއް ނުވާނެއެވެ. ކުދިންވާނީ މައިންބަފައިން ކުރާ ކަންކަމުގެ ޝައިޚުންނަށެވެ." މިއީ ވަރަށް ޢިބްރަތްތެރި ބަސްކޮޅެކެވެ. ކުރިން މިދެއްކި ވާހަކަތައް މިބަސްކޮޅާއި ވަރަށް ބޮޑަށް ގުޅިގެންދެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން