އިނގިރޭސިވިލާތަށް ދަތުރުކުރާ އަދި ދިރިއުޅޭ ދިވެހިންނަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
އިނގިރޭސިވިލާތަށް ދަތުރުކުރާ އަދި ދިރިއުޅޭ ދިވެހިންނަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

އިނގިރޭސިވިލާތުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ޤައުމަށް ދަތުރުކުރާ އަދި އެތާނގައި ދިރިއުޅޭ ދިވެހިންނަށް ސަމާލުވުމަށް އެ ޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ޖުލައި 29 އިން ފެށިގެން އިނގިރޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، 100 އަށްވުރެ ގިނަ މުޒާހަރާތައް ރޭވިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ހައިކޮމިޝަނުން ބުނެފައިވެއެވެ. މިކަމާ ގުޅިގެން، އިނގިރޭސިވިލާތުގައި ދިރިއުޅޭ އެންމެހައި ދިވެހި ރައްޔިތުންނާއި، އެ ޤައުމަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންގެ ރައްކާތެރިކަމާއި ސަލާމަތަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހައިކޮމިޝަނުން އިލްތިމާސްކޮށްފައިވެއެވެ.

އަދި މުޒާހަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުން ދުރުހެލިވުމަށާއި އިނގިރޭސި ސަރުކާރާއި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް ހައިކޮމިޝަނުން އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިން [email protected] މެދުވެރިކޮށް ހައި ކޮމިޝަނުގައި ރަޖިސްޓަރީވުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމުގައި ހައިކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. އަދި އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ހައިކޮމިޝަނާ ގުޅުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

ހައިކޮމިޝަނާ ގުޅޭނެ ނަންބަރަކީ 02072242135(44+) އެވެ. އަދި އީމެއިލް އެޑްރެސްތަކަކީ [email protected] އަދި [email protected] އެވެ. މިނިސްޓްރީގެ ހޮޓްލައިން ނަންބަރަކީ 7983400 އެވެ.

މިއަދު އޮންލައިން