ޢަލީ އިޙްޞާން ފިރާޤް
ހިލަގަނޑަކުން ފެންނެރެ ދެއްވުން؛
ބަނީ އިސްރާއީލުބާގައިގެ ފެންބުއިމަށް ބޭނުންވި ހިނދު އަރަހުށި މާތްﷲ އެބައިމީހުންނަށް ހިލަގަނޑެއްގެ ތެރެއިން ފެން ނެރެދެއްވިއެވެ. ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 60 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَإِذِ اسْتَسْقَىٰ مُوسَىٰ لِقَوْمِهِ فَقُلْنَا اضْرِب بِّعَصَاكَ الْحَجَرَ ۖ فَانفَجَرَتْ مِنْهُ اثْنَتَا عَشْرَةَ عَيْنًا ۖ قَدْ عَلِمَ كُلُّ أُنَاسٍ مَّشْرَبَهُمْ ۖ كُلُوا وَاشْرَبُوا مِن رِّزْقِ اللَّـهِ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ ﴿٦٠﴾
މާނައީ [ موسى ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންނަށްޓަކައި ފެނަށް އެދިވަޑައިގެން دعاء ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، (އެހިނދު موسى ގެފާނަށް) ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން، ކަލޭގެފާނު އެ ހިލައިގައި ޖައްސަވާށެވެ! ދެން (އެކަލޭގެފާނު އެހިލައިގައި ޖެއްސެވިހިނދު) އެހިލައިން ބާރަ ފެންއާރު އަރައިގެންފިއެވެ. ހަމަކަށަވަރުން ކޮންމެބަޔަކު، އެބަޔަކު ފެންބޯންވީ ޖާގަ ދެނެގެންފިއެވެ. (އަދި ތިމަންރަސްކަލާނގެ އެންގެވީމެވެ.) ތިޔަބައިމީހުން، اللَّه ދެއްވި رزق ން ކައިބޮއި އުޅޭށެވެ! އަދި فاسد ން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި فساد ނުކުރާށެވެ!]
ހަމަ މިވާހަކަ ސޫރަތުލް އަޢުރާފުގެ 160 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.
وَقَطَّعْنَاهُمُ اثْنَتَيْ عَشْرَةَ أَسْبَاطًا أُمَمًا ۚ وَأَوْحَيْنَا إِلَىٰ مُوسَىٰ إِذِ اسْتَسْقَاهُ قَوْمُهُ أَنِ اضْرِب بِّعَصَاكَ الْحَجَرَ ۖ فَانبَجَسَتْ مِنْهُ اثْنَتَا عَشْرَةَ عَيْنًا ۖ قَدْ عَلِمَ كُلُّ أُنَاسٍ مَّشْرَبَهُمْ ۚ وَظَلَّلْنَا عَلَيْهِمُ الْغَمَامَ وَأَنزَلْنَا عَلَيْهِمُ الْمَنَّ وَالسَّلْوَىٰ ۖ كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ ۚ وَمَا ظَلَمُونَا وَلَـٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ ﴿١٦٠﴾
މާނައީ: [އަދި ބާރަ قبيلة އަށް، جماعة ތަކަކަށް، ތިމަންރަސްކަލާނގެ އެއުރެން ބައިކުރެއްވީމެވެ. އަދި موسى ގެފާނުގެ قوم ގެމީހުން އެކަލޭގެފާނުގެ އަރިހުން ފެނަށް އެދުނުހިނދު، ތިމަންރަސްކަލާނގެ موسى ގެފާނަށް وحى ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ހިލައިގައި ޖައްސަވާށެވެ! ދެން (އެކަލޭގެފާނު އެ ހިލައިގައި ޖެއްސެވި ހިނދު) އެ ހިލައިން ބާރަ ފެންއާރު އަރައިގެންފިއެވެ. ހަމަކަށަވަރުން، ކޮންމެބަޔަކު، އެބަޔަކު ފެންބޯންވީ ޖާގަ ދެނެގެންފޫއެވެ. އަދި ވިލާގަނޑުން، އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ ހިޔާއެޅުއްވީމެވެ. އަދި އެއުރެންގެ މައްޗަށް، ތިމަންރަސްކަލާނގެ منّ އާއި سلوى ބާވައިލެއްވީމެވެ. (އަދި އެންގެވީމެވެ.) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ރަނގަޅު ތަކެތިން، ތިޔަބައިމީހުން ކައިއުޅޭށެވެ! އެއުރެން ތިމަންރަސްކަލާނގެއަކަށް އަނިޔާވެރިއެއް ނުވެތެވެ. އެހެނެއްކަމަކު، އެއުރެންގެ އަމިއްލަ نفس ތަކަށް، އަނިޔާވެރިވާ ކަމުގައި އެއުރެންވޫއެވެ.]
ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. [މޫސާގެފާނު އެކަލޭގެފާނުގެ އަސާކޮޅުން ޖެއްސެވި ހިލަޔަކީ ހަތަރެސްކަން ހިލައެކެވެ. އެކަލޭގެފާނު އަސާކޮޅުން ޖެއްސެވުމުން އެ ހިލައިން ބާރަ ފެންއާރު ހިނގައިގެންފިއެވެ. ކޮންމެ ފަރާތަކުން ތިން އާރު ވާނެގޮތަށެވެ. އެގޮތުން ބަނީ އިސްރާއީލުންގެ ކޮންމެ ދަރިކޮޅެއް ފެންބޯން ވަކިން އާރެއް ހަމަޖެހިގެން ދިޔައެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 1 ވަނަ ޖިލްދު، ޞަފްޙާ 242}