ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުގެ ތެރެއިން އެކި މީހުންނަށް ދޫކޮށްފައިވާ ހައުސިން ޔުނިޓްތަކުގެތެރެއިން ގިނަ ބަޔަކު ކުލި ނުދައްކާތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހައުސިން މިނިސްޓްރީން ދީފިއެވެ.
މިކަމާގުޅިގެން ހައުސިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައުސިންގ ޔުނިޓުތަކުގެ މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ނުވަތަ، އީއެމްއައިއިން 20 އިންސައްތަ މާފުކޮށްދީފައިވާ ކަމަށެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފައިސާ ދެއްކުމަށް ޔުނިޓުތަކުގެ ވެރިފަރާތްތަކަށް އަންގާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ނަމަވެސް ގިނަ ފަރާތްތަކުން އަދިވެސް ފައިސާ ނުދައްކާކަމަށެވެ
އެހެންކަމުން ގަވާއިދުން ފައިސާ ދައްކަމުން ނުދާ ފަރާތްތަކާއި ކަނޑައެޅިފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށް ޔުނިޓު ބޭނުން ކުރުމާއި، ގަވާއިދާ ހިލާފަށް ތަނަށް ބަދަލުގެނެއުމުގެ އިތުރުން ކުއްޔަށް ދިނުމާއި ގުޅޭ ކަންކަން އެ މިނިސްޓްރީން ބަލަމުންދާ ކަމަށާއި އަދި ގަވާއިދާ ޚިލާފަށް އަމަލު ކުރަމުންދާ ފަރާތްތަކާމެދު އެއްބަސްވުމާ އެއްގޮތަށް ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އެ ހައުސިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މާލެ އާއި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓުތަކުގެ މަހު ކުލިން 20 އިންސައްތަ ވަނީ މާފުކޮށްދީފައެވެ.