އުމުރުން 18 އަހަރު ވަންދެން ރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން އުނގެނުމުގެ ފުރުސަތު ދިނުމަށް ތަޢުލީމީ ވުޒާރާއިން މަސައްކަތް ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުޙައްމަދެވެ.
އަހުމަދު މުޙައްމަދު ވިދާޅުވި ގޮތުގައި މި މަސައްކަތުގެ އެންމެ ބޮޑު އަމާޒަކީ ކުއްޖާގެ އުމުރުން 18 އަހަރު ވަންދެން، ރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން އުނގެނުމުގެ ފުރުސަތު ވީހާވެސް ފުޅާ ދާއިރާއެއްގައި ދިނުމެވެ. އަދި އޭ ލެވެލް ކިޔަވާ ކަރިކިއުލަމްތަކުގެ ތެރެއިން، ދަރިވަރުން ކިޔަވާ ނިންމާއިރު ވަޒީފާގެ އެކި ދާއިރާތަކުން ފައުންޑޭޝަން ފެންވަރަށް ކުދިން ތަމްރީނުވެފައި ތިބުމެވެ.
މި މަސައްކަތުގައި އެންމެ ފުރަތަމަ އިސްކަން ދީފައިވަނީ ދިވެހި މުދައްރިސުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތަށެވެ. މިގޮތުން، އޭ ލެވެލް ނިންމާ ދަރިވަރުން ޕްރައިމަރީ ގްރޭޑްގެ މުދައްރިސަކަށް ވުމުގެ ފައުންޑޭޝަން ލެވެލްގެ މިންގަނޑުތަކަށް ފެތޭނެ ގޮތަށް ތައްޔާރުކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ކިޔަވާ ދަރިވަރުންނަށް މަހުން މަހަށް ދޭ ޚާއްސަ އެލަވަންސްއެއްވެސް ދިނުމަށް ނިންމާފައިވާ ކަމަށް ސްޓޭޓް މިނިސްޓަރ އަހުމަދު މުޙައްމަދު ވިދާޅުވިއެވެ. މި ބަދަލު އަންނަ މަހު ފަށާ އޭ ލެވެލްގެ އާ ބެޗާއެކު ގެންނާނެ ކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.