"ކުދިންނާ ގާތުން" ޕްރޮގްރާމް 10 ރަށެއްގައި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
"ކުދިންނާ ގާތުން" ޕްރޮގްރާމް 10 ރަށެއްގައި ފަށައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހަރުދަނާ ޖީލެއް ބިނާކުރުމަށް ހިންގާ "ކުދިންނާ ގާތުން" ޕްރޮގްރާމް ރާއްޖޭގެ 10 ރަށެއްގައި ފަށައިފިއެވެ. މި ޕްރޮގްރާމް ފަށާ ރަށްތަކަށް ޚާއްސަ ފޯރަމެއް މިހާރު ވަނީ ފެށިފައެވެ.

"ކުދިންނާ ގާތުން" ގެ ނަމުގައި ޚާއްސަ ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެލްޖީއޭގެ ސީއީއޯ ޑރ. މަރްޔަމް ޒުލްފާ ވިދާޅުވީ މި ޕްރޮގްރާމްގެ މަޤްޞަދަކީ ޔުނިސެފްގެ ދެމެހެއްޓެނިވި ތަރައްޤީގެ ފްރޭމްވަރކްގެ ދަށުން، ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށްދީ އެ ކުދިންނަކީ ހަރުދަނާ ބަޔަކަށް ހެދުމަށް އެހީވުން ކަމަށެވެ.

މި ޕްރޮގްރާމް ހިންގުމަށް ކަނޑައަޅާފައިވާ ރަށްތަކަކީ ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ރ. މީދޫ، ބ. އޭދަފުށި، އއ. އުކުޅަސް، ވ. ފެލިދޫ، ދ. ކުޑަހުވަދޫ، ލ. ގަން، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ހިތަދޫއެވެ. ޑރ. ޒުލްފާ ވިދާޅުވިގޮތުގައި މިއީ އެއް އަހަރު ދުވަހުގެ ޕްރޮގްރާމެކެވެ.

ސިޔާސަތުތައް ހިއްސާކުރުމަށް ބޭއްވޭ ދެ ދުވަހުގެ ފޯރަމްގައި 35 ބައިވެރިން ބައިވެރިވެއެވެ. މީގެ ތެރޭގައި ރަށު ކައުންސިލް، އަތޮޅު ކައުންސިލް، ޖަމްޢިއްޔާތައް އަދި އެލްޖީއޭގެ މުވައްޒަފުން ހިމެނެއެވެ.

"ކުދިންނާ ގާތުން" ޕްރޮގްރާމްގައި މައިގަނޑު 8 ދާއިރާއަކުން ޕްރޮގްރާމްތައް ހިންގާނެ ކަމަށް އެލްޖީއޭއިން މަޢުލޫމާތު ދެއެވެ. މި ޕްރޮގްރާމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެ ކުދިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގައި ސިޓީތަކާއި، ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވަރކްސްގެ ވަޒީރު، އާދަމް ޝަރީފް އުމަރާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ އާއި މޯލްޑިވްސްގެ ޔުނިސެފް ރެޕްރެޒެންޓޭޓިވް ޑރ. އެޑްވަރޑް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން