އެކި ކަންކަމަށް ރަށްރަށުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ހެދުމަށް ނުވަތަ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމަށް ކައުންސިލްތަކަށް ފަންޑު ހަމަޖައްސައިދިނުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭއިން ނިންމަވައިފިއެވެ.
އެލްޖީއޭގެ ސީއީއޯ ޑރ. މަރްޔަމް ޒުލްފާ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަކީ ވަރަށް ފަންނީ މަސައްކަތެއްކަން ފާހަގަކުރައްވާ އެ ޕްލޭން އެކުލަވާލުމުގައި ކައުންސިލްތަކަށް އަދިވެސް ވަރަށް ބޮޑެތި ތިތަކެއް ހުރިކަމަށާއި އެގޮތުން މިހާތަނަށް ލޭންޑް ޔޫސް ޕްލޭން ހުށައަޅާފައިވަނީ 39 ވަރަކަށް ރަށު ކައުންސިލުންކަން ފާހަގަކުރައްވާ ޒުލްފާ ވިދާޅުވީ، ލޭންޑް ޔޫސް ޕްލެން ނުހަދާ ހުރި ރަށްތަކަށް އެ ޕްލޭން ފުރިހަމަކުރުމަށް އެލްޖީއޭއިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ.
ޒުލްފާ ވިދާޅުވީ ކުންފުނިތައް މެދުވެރިކޮށް ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރަން ބޭނުންވާ ކައުންސިލްތައް "ކޯޓޭޝަން" ނުވަތަ ހިނގާނެ ޚަރަދުގެ ތަފްސީލް ހުށައެޅުމުން ފައިސާގެ އިންތިޒާމް ހަމަޖައްސަވާނެކަމަށެވެ.
މީގެ އިތުރުން 5 އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގެ ލޭންޑް ޔޫސް ޕްލޭން އެއް ނިޒާމެއްގެ ތެރެއިން ބެލޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތްކުރައްވާކަމަށްވެސް އެލްޖީއޭގެ ސީއީއޯ ވިދާޅުވިއެވެ.