ޅ. އަތޮޅު ކައުންސިލްގެ ދެ މެމްބަރަކު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ސަސްޕެންޑު ކޮށްފިއެވެ. އެލްޖީއޭ އިން ސަސްޕެންޑު ކޮށްފައިވަނީ އެމްޑީޕީ ގެ ދެ މެމްބަރުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެލްޖީއޭ އިން ސަސްޕެންޑު ކޮށްފައިވަނީ ޅ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ސިމާއު އާއި އެކައުންސިލްގެ މެމްބަރު މުހައްމަދު ޙުސެއިން އެވެ. އެދެބޭފުޅުން ވެސް ސަސްޕެންޑު ކޮށްފައިވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ނޫސްބަޔާން ނެރުމުންނެވެ.
ޅ. އަތޮޅު ކައުންސިލްގެ އެ ދެ މެމްބަރުން ސަސްޕެންޑު ކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އެއްމަސް ދުވަހުގެ މުއްދަތަކަށް، އެމުއްދަތުގެ ތެރޭގައި މުސާރައާއި އިނާޔަތްތައް ވެސް ނުލިބޭ ގޮތަށް ކަމަށް އެލްޖީއޭ އިން ބުނެފައިވެއެވެ. އަދި އެފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ އެކައުންސިލް އުވާލާނެ ކަމުގެ އިންޒާރުވެސް އެއޮތޯރިޓީން ދީފައިވެއެވެ.