ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފަސް ރަށަކުން 13 ކައުންސިލަރަކު މިރޭ ސަސްޕެންޑު ކޮށްފިއެވެ.
އެލްޖީއޭ އިން މިރޭ ސަސްޕެންޑް ކޮށްފައިވަނީ ބ. ކަމަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު އާއި ނައިބު ރައީސް އަޙުމަދު ސާޖިދު، ބ. ތުޅައިދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު އާއި ނައިބު ރައީސް ޒާއިދު ރަޝީދު، ލ. އިސްދޫ ކައުންސިލްގެ ތިން މެންބަރުންނާއި , ލ. މާމެންދޫ ކައުންސިލްގެ ނައިބު ރައީސް ހުސެއިން ހަބީބް އާއި ކައުންސިލަރު ޔޫސުފް އިރުފާނު، ހއ. ދިއްދޫ ކައުންސިލް ރައީސް އަލީ ހާޝިމް އާއި ނައިބު ރައީސް މުޙައްމަފު ހާޝިމް އަދި އެރަށުގެ އިތުރު ދެ ކައުންސިލަރުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކަމަދޫ އާއި ތުޅައިދޫ ކައުންސިލަރުން ސަސްޕެންޑު ކުރީ އެކައުންސިލުން ނެރުނު ގަރާރަކާ ގުޅިގެންނެވެ. އަދި ލ. މާމެންދޫ އާއި އިސްދޫ އަދި ދިއްދޫ ގެ ކައުންސިލަރުން ސަސްޕެންޑުކުރީ އެކައުންސިލްތަކުން ނެރުނު ބަޔާންތަކަކާ ގުޅިގެންނެވެ.
އެކައުންސިލަރުން ސަސްޕެންޑު ކޮށްފައިވަނީ އެއް މަހުގެ މުއްދަތަކަށް ކަމަށް އެލްޖީއޭ އިން ބުނެފައިވެއެވެ. އަދި ކައުންސިލް ތަކުގެ މެންބަރުން ސަސްޕެންޑު ކޮށްފައިވަނީ އެމުއްދަތުގެ ތެރޭގައި އެމެންބަރުންނަށް މުސާރައާއި އިނާޔަތްތައް ވެސް ނުލިބޭ ގޮތަށް ކަމަށް އެލްޖީއޭ އިން ވަނީ ނިންމާފައެވެ.
މިރޭ އެލްޖީއޭ އިން ސަސްޕެންޑު ކޮަށްފައިވާ ހުރިހާ ފަރާތްތައް، ކައުންސިލްގެ އިދާރާއަށް ހާޒިރުވުމާއި ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުން ވެސް ވަނީ މަނާ ކޮށްފައެވެ.