އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ ބޭނުންފުޅުވެވަޑައިގެންނެވިނަމަ ދުނިޔޭގެ އެންމެ މުއްސަނދި މީހާއަށްވުރެވެސް މުއްސަނދިކަން ލިބިވަޑައިގަތީހެވެ. ނަމަވެސް ރަސޫލް ﷺ ބޭނުންފުޅުވެވަޑައިގަތީ ފަޤީރު ޙާލުކޮޅުގައި ދިރިއުޅުއްވެވުމަށެވެ.
ނަތީޖާއަކީ އަނބިއަނބިކަނބަލުންގެ ގަނޑުވަރުކޮޅުތަކުގެ ބަދިގެކޮޅުތަކުގެ އުނދުންކޮޅުތަކުގައި އަލިފާން ނުލައި އެތައް ދުވަހެއް ފާއިތުވެގެންދާކަމެވެ. މާނައަކީ އެއްވެސް އެއްޗެއް ނެތުމުން އެއްވެސް އެއްޗެއް ނުކައްކަވާ ކަމެވެ. އެއްވެސް އެއްޗެއް ރޯ ނުފިލުއްވަވާ ކަމެވެ. ހަމައެކަނި ކަދުރާއި ފެންފޮދު ހިއްޕަވައިގެން ތިއްބެވިކަމެވެ. އަދި ކަދުރު ވެސް ހުސްވިކަމެވެ.
އެއްފަހަރަކު މިފަދަ ޙާލުކޮޅުގައި 2 މަސްދުވަސް ފާއިތުވިފަހުން ބޮޑުބޭބޭފުޅު ޢުޘްމާންގެފާނަށް އެނގިވަޑައިގަންނަވައިގެން ގަޑުވަރުކޮޅުތަކަށް ފަރިއްކުޅުއްވަވާނެ ތަކެތި ލެއްވެވުމަށްފަހު ދެން އެގޮތަށް ނުއަންގަވައި އެފަދަ ދަތިޙާލުކޮޅުގައި ނުތިއްބެވުމަށްވެސް ވިދާޅުވިއެވެ.
މިކަމުން ވެސް އެނގިގެންދަނީ އެފަދަ ދަތިޙާލުކޮޅުގައި އުޅުއްވެވީ ހަމަ ލިބިވަޑައިގަންނަވަން އޮއްވައިކަމެވެ. މީގެ އިތުރުން ވިސްނައިލަންވީ މިފަދަ ދަތިޙާލުކޮޅުގައި ދިރިއުޅުއްވެވީ ރިޒުޤަށް އެދިވަޑައިގެން ދުޢާކުރެއްވެވިނަމަ ބޭނުންފުޅު ވަރަކަށް ލިބިވަޑައިގަންނަވާނެކަން، ﷲ ތަޢާލާ ދެއްވަވާނެކަން ރަނގަޅަށް އެނގިވަޑައިގެން ހުންނަވައިކަމެވެ.
މިފަދަ ކަންކަމަށް ވިސްނާށެވެ! ފަޤީރު ޙާލުގައި އުޅެން ޖެހެނީ ﷲ ތަޢާލާ އެމީހަކު ދޫކޮށްލެއްވެވުމުން ނޫންކަން އެނގިގެން މިދަނީ މިފަދަ ކަންކަމުންނެވެ. ވީމާ ކިތަންމެ ނިކަމެތި ޙާލުގައި އުޅެންޖެހުނު ނަމަވެސް ޝަކުވާ ނުކުރާށެވެ! ޝުކުރުވެރިވާށެވެ! އެއީ ސުންނަތެއް ކަމުގައި ޤަބޫލުކުރާ މީހާ އަބަދުވެސް ހުންނާނީ ހަމަ ހިތްފުރިގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން