މޫސުމީ ނުރައްކާތަކުން އަރައިގަތުމަށް ތަރައްގީގެ ޕްލޭންތަކުގައި ތިމާވެށީގެ ކަންކަން ހިމަނަންޖެހޭ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
މޫސުމީ ނުރައްކާތަކުން އަރައިގަތުމަށް ތަރައްގީގެ ޕްލޭންތަކުގައި ތިމާވެށީގެ ކަންކަން ހިމަނަންޖެހޭ: ރައީސް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ތަނަކަށް ހިޖުރަކުރަން ނުޖެހޭނެކަން ކަށަވަރުކުރުމަކީ ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތުރުކީގައި ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައި، ކަނޑުގެ ލޮނުގަނޑު އުސްވަމުން ދިއުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ދުރު މުސްތަގުބަލެއްގައި އަންނާނެ ނުރައްކަލެއް ނޫން ކަމަށާއި، މިއީ މިއަދުވެސް ރާއްޖޭގެ ތަރައްގީއާއި ސަލާމަތަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

އަދި ރާއްޖޭގެ ރަށްތަކަކީ ހަމައެކަނި ބިމުގެ ސަރަހައްދުތަކެއް ނޫން ކަމަށާއި، އެއީ ދިވެހިންގެ އަސްލާއި ތާރީހާ ސަގާފަތާ ގުޅިފައިވާ މުއްސަނދި ބިންތަކެއް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، "ބިމުގެ ސަރަހައްދުން ކުޑަނަމަވެސް ތަންކޮޅެއް ގެއްލިގެން ދިއުމަކީ އަޅުގަނޑުމެންގެ ސިޔާދަތާއި މިނިވަންކަމާއި ސަގާފަތާއި މުސްތަގުބަލަށް ކުރިމަތިވާނެ ނިކަމެތިކަމެއް" ކަމަށެވެ.

މި ނުރައްކާތަކުން އަރައިގަތުމަށްޓަކައި ގޮނޑުދޮށްތަކާއި ފަރުތަކާއި ކުޅިތައް ފަދަ ތަބީއީ ދިފާއުތައް ހިމާޔަތްކުރުމަށް ސަރުކާރުން ބޮޑެތި މަޝްރޫއުތައް ހިންގަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަން އެންމެ ފުރިހަމަޔަށް ކުރުމަށް ސައިންޓިފިކް މައުލޫމާތާއި މާލީ އެހީތެރިކަން ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ވިލުންތެރި މުސްތަގުބަލެއް ބިނާކުރުމަށްޓަކައި، ކަނޑުގެ ލޮނުގަނޑަށްވުރެ އުސްކޮށް އަދި ޒަމާނީ ފެންވަރަށް ތަރައްގީކުރަމުންދާ 'ރަސްމާލެ' ފަދަ މަޝްރޫއުތަކުގައި މުޅިންވެސް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާނެ ކަމަށް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މޫސުމީ ނުރައްކާތަކުން ރައްކާތެރިވުމަށް ފިޔަވަޅު އަޅަންޖެހޭނީ ކާރިސާއެއް ކުރިމަތިވުމުން ނޫން ކަމަށާއި، އެކަންކަން ކޮންމެހެންވެސް ތަރައްގީގެ ޕްލޭންތަކުގައި ހިމަނަންޖެހޭނެ ކަމަށެވެ. މިއީ ރާއްޖެއިން ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ކުރާ ދަތުރުގައި އެންމެ އިސްކަންދޭންޖެހޭ ސިޔާސަތު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން