އަހަރުގެ ފުރަތަމަ 10 މަސްތެރޭ މުދަލު ޒަކާތުގެ ގޮތުގައި 114.9 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
އަހަރުގެ ފުރަތަމަ 10 މަސްތެރޭ މުދަލު ޒަކާތުގެ ގޮތުގައި 114.9 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 114.9 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތަކުން ދައްކައިފިއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ބޮޑު ކުރިއެރުމެކެވެ.

މީރާއިން އާންމުކޮށްފައިވާ އޮކްޓޫބަރު މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން، ވޭތުވެދިޔަ އަހަރުގެ ފުރަތަމަ 10 މަސް ދުވަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 93.4 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ މި މުއްދަތުގައި ޒަކާތުގެ ގޮތުގައި ބަލައިގަތް އަދަދު ވަނީ ގާތްގަނޑަކަށް %23 އިތުރުވެފައެވެ. މީގެއިތުރުން، މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ލިބުނު އަދަދު ވަނީ 2025 ވަނަ އަހަރު މުޅިއެކު ލިބުނު 106.4 މިލިޔަން ރުފިޔާގެ ޖުމްލަ އަދަދަށްވުރެވެސް މަތިވެފައެވެ.

މަސްމަހުގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ އޮކްޓޫބަރު މަހު އެކަނިވެސް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 5.2 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހު ލިބުނު 5.5 މިލިޔަން ރުފިޔާއާ އަޅާބަލާއިރު އެ މަހު ލިބުނު އަދަދު ކުޑަކޮށް ދަށްވި ނަމަވެސް، އަހަރުގެ މިހާތަނަށް ލިބުނު ޖުމްލަ އާމްދަނީ އުޅެނީ ފާހަގަކޮށްލެވޭ ފަދަ މަތީ މިންވަރެއްގައެވެ.

މުދަލު ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޒަކާތުގެ ގޮތުގައި ލިބޭ މިންވަރު އަހަރަކު %10 އިތުރުކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ އަމާޒުހިފާފައެވެ. މީގެއިތުރުން، 2028 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށްދާއިރު، ޖުމްލަ ޒަކާތުގެ މަދުވެގެން %25 އަކީ ކުންފުނިތަކާއި ބޮޑެތި ވިޔަފާރިވެރިންގެ ފަރާތުން ލިބޭ ފައިސާއަށް ހެދުމަކީވެސް އެ އިދާރާގެ މުހިންމު އަމާޒެކެވެ.

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބުގެ މިންވަރަށް ބަލާއިރު، މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިޞާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 19,266.10 ރުފިޔާއެވެ.

މިއަދު އޮންލައިން