ޤައުމަކަށް ގެންނަ ޢުމްރާނީ ތަރައްޤީއެއްގެ ޙަޤީޤީ ފޮނިމީރުކަން ރައްޔިތުންނަށް ލިބޭނީ، އެ ޤައުމެއްގެ އިންސާނީ ސިކުނޑިތައްވެސް އޭގެ އެންމެ ހެޔޮ ގޮތުގައި ބިނާކުރެވިގެން ކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ، ހުރަވީ ދުވަހުގެ ހަނދާންތައް އާކުރައްވައި، އެ ދުވަހުގެ ބަޠަލް ދޮން ބަންޑާރައިން (އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން) ހޮޅީންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވުމަށް ކުރެއްވި މަތިވެރި ޖިހާދަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިފަދަ ތާރީޚީ ދުވަހަކުން ޤައުމުދެކެ ލޯބިވުމާއި، ޤައުމު އިސްކުރުމުގެ އިތުރުން ކާބަފައިންގެ ފަރާތުން ވާރުތަވި އެންމެހާ ރިވެތި އަޚްލާޤީ ސިފަތައް ދެމެހެއްޓުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތު ބިނާވެފައި ވަނީ ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުމުގެ މައްޗަށްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ޤައުމު ދެކެ ލޯބިވުމުގެ ފުން އިޙްސާސާ ގުޅިފައިވާ ސިކުނޑިތަކެއް ބިނާކުރުމަށްޓަކައި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވާފައިވާ ކަމަށެވެ. މީގެއިތުރުން، އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އަންނަ ހޮނިހިރު ދުވަހުގެރޭ އިފްތިތާޙު ކުރުމަށް ތައްޔާރުވަމުންދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ވިޝަން 2040 ވަނަ އަހަރަކީ ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ކުރެވޭ ޢުމްރާނީ އަދި އިސްތިރާޖީ މަސައްކަތްތަކާ އެކުއެކީގައި މިފަދަ އިންސާނީ ބިނާ ކުރުމުގެ މަސައްކަތްތަކުގެ ސަބަބުން ވަށާޖެހޭ ތަރައްޤީ ގެނައުމަށް މަގުފަހި ވެގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.