މިއަހަރުގެ ހުރަވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ހުރާގައި ކުލަގަދަ ޙަރަކާތްތަކެއް މިއަދު ފަށައިފިއެވެ. މި ޙަރަކާތްތަކުގެ ތެރެއިން މިއަދު ހެނދުނު ބޭއްވި ޚާއްޞަ ޖަލްސާ އޮތީ އެ ރަށު ރަންކަނޑޫ މާލަމުގައެވެ.
މި ޖަލްސާއަކީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއާއި ހުރާ ކައުންސިލް ގުޅިގެން އިންތިޒާމުކޮށްގެން ބޭއްވި ޖަލްސާއެކެވެ. މި ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.
ޖަލްސާގެ އެންމެ ޚާއްޞަ އެއް ކަމަކަށްވީ ހުރަވީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތުން ވަނަތައް ޙާޞިލުކުރި ފަރާތްތަކަށް އިނާމު ދިނުމެވެ. އެގޮތުން މި މުބާރާތުން 1 ވަނަ މަލާކް އާދަމް ނަޒީލް ހޯދިއިރު، 2 ވަނަ ހޯދީ މަރިޔަމް އަޒްހާ ޝުޖާޢުއެވެ. އަދި މުބާރާތުގެ 3 ވަނަ ޙާޞިލުކޮށްފައިވަނީ އައިމިނަތު ނަދުހާ ޝުޖާޢުއެވެ. މި ފަރާތްތަކަށް ތައްޓާއި ފައިސާގެ ރަމްޒީ އިނާމު ޙަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާން، ވަޒީރު ހީނާ ވަލީދެވެ.