ޕެންޝަން ފައިސާއިން ޙައްޖަށް ދެވޭނެ: ޝަރުޠު ހަމަވާ 24،000 މީހުން އެބަތިބި: ޕެންޝަން އޮފީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޕެންޝަން ފައިސާއިން ޙައްޖަށް ދެވޭނެ: ޝަރުޠު ހަމަވާ 24،000 މީހުން އެބަތިބި: ޕެންޝަން އޮފީސް

ޕެންޝަން ސްކީމްގެ ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖަށް ދިއުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އެ ޝަރުޠު ހަމަވާ ގާތްގަނޑަކަށް 24،000 މީހުން އެބަތިބި ކަމަށް ޕެންޝަން އޮފީހުން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭ ތަފްޞީލީ މަޢުލޫމާތު ޙިއްޞާކުރައްވާފައިވަނީ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޕެންޝަން އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު ޝަމްޢާން ޝާކިރު އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހެޑް އޮފް މާކެޓިންގ އެންޑް ޕީއާރް ޢަބްދުﷲ މުޢާޒެވެ.

މި މަހުގެ 5 ވަނަ ދުވަހު ޢަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ އައު އިޞްލާޙާއެކު، ޢުމުރުން 65 އަހަރު ވުމަށްފަހު ވެސް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާއިން ޙައްޖަށް ދެވޭނެ މަގު މިހާރު ވަނީ ފަހިވެފައެވެ. މިއީ ދިގު އިންތިޒާރަކަށްފަހު ޢުމުރުން ދުވަސްވީ ފަރާތްތަކަށް ލިބިގެންދިޔަ ބޮޑު ލުޔެކެވެ.

އައު އުޞޫލުތައް ހަމަޖެހިފައިވާ ގޮތުން، ޕެންޝަން ފައިސާ ބޭނުންކޮށްގެން ސީދާ ޙައްޖަށް ފުރޭނީ އެ ފަރާތެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި މަދުވެގެން 336،000 ރުފިޔާ ހަމަވާނަމައެވެ.

މި ނިޒާމުގެ ތެރެއިން ޢުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ އިސްކަމެއް ދިނުމުގެ ގޮތުން، ޙައްޖަށް ދިޔުމަށް ފައިސާ ދައްކައި ތިން އަހަރުވެފައިވާ 70 އަހަރުން މަތީގެ 324 މީހުން އަންނަ އަހަރު ޙައްޖަށް ފޮނުވުމަށް ނިންމާފައިވާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ މީގެ ކުރިން އިޢުލާނު ކުރައްވާފައެވެ.

މިއަދު އޮންލައިން