ސަރުކާރުގެ ސްކޫލުތަކުގައި ހުރި ބައެއް ސްކޫލްތަކުގައި ހުރި އޭސީތައް އޯޒޯންފަށަލައަށް ގެއްލުންނުދޭ އޭސީތަކަށް ބަދަލުކުރަން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގެ ދަށުން ސަރުކާރުގެ ސްކޫލުތަކުގައި ހުރި އެޗް.ސީ .އެފް.ސީ 22 ގޭސް އެކުލެވޭ އެއަރކޮންޑިޝަނަރތައް، ތިމާވެއްޓާ ރައްޓެހި އަދި އޯޒޯން ފަށަލައަށް ގެއްލުން ނުދޭ މާއްދާއެއް ބޭނުންކުރާ އެއަރކޮންޑިޝަނަރތަކަށް ބަދަލުކުރެވޭނެއެވެ.
އެޑިއުކޭޝަނުން ބުނެފައިވަނީ މި ޕްރޮޖެކްޓް ހިންގުމަށް ހިލޭ އެހީގެ ގޮތުގައި 1،125،660 (އެއް މިލިއަން އެއް ލައްކަ ފަންސަވީސް ހާސް ހަ ސަތޭކަ ފަސްދޮޅަސް ރުފިޔާ)ގެ ފަންޑެއް ދިނުމަށް ނިންމާފައިވާ ކަމަށާއި މި ފަންޑުން މިބުރުގައި 46 ސްކޫލެއްގައި ހުރި އާރް 22 ގޭސް ބޭނުންކުރާ 142 އެއަރކޮންޑިޝަނަރ ބަދަލުކުރެވޭނެކަމަށެވެ.
މިކަމާގުޅިގެން އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވަނީ އާންމުކޮށް ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާއެއްކަމަށްވާ އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލުމަށް ދިވެހިރާއްޖެއިން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އެ ލަނޑުދަނޑި 2020 ވަނަ އަހަރު ހާސިލް ކުރެވިފައިވާކަމަށާއި 2010 ގައި ފެށި މިމަސައްކަތުގައި ހިމެނޭ ވަކި ޝެޑިއުލްއެއްގެ ދަށުން މި ގޭސް އެތެރެކުރެވޭ މިންވަރު މިވަނީ ލަނޑުދަނޑިއާއި އެއްގޮތަށް ދަށް ކުރެވިފައި ކަމަށެވެ.
އަދި 2015 އަހަރުން ފެށިގެން މި ގޭސް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކުރުން ވަނީ މަނާކުރެވިފައި ކަމަށްވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.