މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ކުދި ޖަޒީރާ ޤައުމުތައް ސަލާމަތްކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން ކޮންމެހެން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކޮޕް ސަމިޓުގެ ހަވާސާގައި، ޕެރިސް އެގްރީމަންޓް ތަންފީޒުކުރުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތައް އިންތިހާއަށް ބޮޑުވަމުން އަންނަ ކަމަށެވެ. އަދި އެފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ރާއްޖެއިން އަމިއްލައަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތިމާވެށީގެ ނުރައްކާތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މާލީ ދަތިތައްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން މިހާރު ގެންގުޅޭ ނިޒާމުތަކުގެ ސަބަބުން، ތިމާވެށި ރައްކާތެރިކުރުމުގެ މަޝްރޫޢުތަކަށް ނަގަންޖެހޭ ލޯނުތަކުގެ ބުރަ ބޮޑުވެ، ޤައުމުގެ ދަރަނި އިތުރުވަމުންދާ ކަމަށެވެ. އަދި ޤައުމުތަކުގެ ތަރައްޤީއާއި މޫސުމީ ވިލުންވެރިކަމަކީ ވަކިނުކުރެވޭނޭހެން ގުޅިފައިވާ ދެކަންތައް ކަމުގައިވާތީ، ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ގޮތުން ކުރިމަތިވެފައިވާ ނާޒުކު ހާލަތްތައް ފުންކޮށް ވަޒަންކުރުމަށް ވަނީ ގޮވާލައްވާފައެވެ. އަދި އެ ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ލުއިފަސޭހަ ގޮތްތަކާއި އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.