ޤައުމުދެކެ ލޯބިވާ ޖީލެއް ބިނާކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް ބޮޑެތި ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް ފަންނާއި ސަޤާފަތާ އަދި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ ހުރަވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ހުރާގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މިޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޤައުމުދެކެ ލޯބިވާ އަދި އަޚުލާޤު ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ މަސައްކަތްތައް މިހާރުވެސް ވަރަށް ބާރަށް ހިނގަމުންދާ ކަމަށެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޖުތަމަޢުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށްޓަކައި ފެށުމަށް ހަމަޖެހިފައިވާ "އިހްތިރާމް އަދާ ކުރުމުގެ ޤައުމީ މަޝްރޫޢު" ގެ އެންމެހައި ތައްޔާރީތައް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިމާރާތްކުރުމާއި ތަރައްޤީގެ އެކި އުމްރާނީ މަޝްރޫޢުތަކުގެ އިތުރުން ހިންގޭ އިންސާނީ ތަރައްޤީގެ މުހިންމު މަސައްކަތްތަކަކީ، 2040 ގެ ތަރައްޤީގެ އަމާޒަށް ރާއްޖެ ވާސިލުވުމަށް ކޮންމެހެން ބޭނުންވާ މައިގަނޑު އަސާސެކެވެ. އަދި މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ޤައުމަށް ގެނެވޭނީ ދެމެހެއްޓެނިވި އަދި ހަޤީޤީ ވަށާޖެހޭ ތަރައްޤީއެއް ކަމުގައިވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.