ވިތުރި ކުރުމަކީ ދަމުނަމާދަށް ހިތްޖެހި މަގުފަހިވާ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ވިތުރި ކުރުމަކީ ދަމުނަމާދަށް ހިތްޖެހި މަގުފަހިވާ ސަބަބެއް!

ދަމުނަމާދުގެ މާނައަށް ބަލައިފިނަމަ އެއީ ރޭއަޅުކަމެވެ. ރޭއަޅުކަމުގެ ތެރޭގައި ވިތުރިވެސް ހިމެނެއެވެ. ވީމާ އެންމެ ޒުވާންއިރުންސުރެ ވިތުރިކުރުމުގެ އާދަ ހަރުލައްވަން ގަދައަޅައި މަސައްކަތްކުރާށެވެ. 

ފަރުޟް ނަމާދަށްފަހު އެންމެ މަތިވެރިކަން ބޮޑު ނަމާދަކީ އެހެން މީހުންނަށް ސިއްރުން ގޭގައި އެކަނި ހުރެ ނަމާދުކަން ޞައްޙަ ޙަދީޘުން ސާބިތުވެއެވެ. ވީމާ ގޭގައި ނަމާދުކުރެވެން އޮތް މީހާ ޢިޝާ ނަމާދަށްފަހު ޛިކުރުތައް ކިޔައި ނިމިގެން ފަހުސުންނަތާއި ވިތުރި ގޭގައިކުރާށެވެ! ގޭގައި ކުރެވެން ނެތް މީހާ މިސްކިތުގައިވެސް ކުރާށެވެ! 

ވިތުރިގެ ހުރި މަތިވެރިކަން ނިކަން ދެކިބަލާށެވެ! ވިތުރި ނުކޮށް ނުނިދުމަށް ރަސޫލް ﷺ ވަނީ ވަޞިއްޔަތްކުރައްވަވައިފައެވެ. 

ބައެއް މީހުން ބުނާގޮތުގައި ވިތުރިކުރުމުން އެމީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެއެވެ. ދުވާލު ކުރިމަތިވި ކަންކަމުން، ކުރަންޖެހުނު މަސައްކަތުން ސިކުނޑިއަށް ލިބުނު ވަރުބަލިކަންވެސް ފިލައިގެންދެއެވެ. އަދި ނިދަންވެސް ފަސޭހަވެއެވެ. މިފަދަ ނިޢްމަތްތައް ލިބޭނީ ކެތްތެރިކަމާއި ޚުޝޫޢަތްތެރިކަމާއިއެކު ވިތުރި ކުރުމުންނެވެ. 

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޒުވާން އުމުރުން ފެށިގެން ވިތުރިކުރާ މީހާއަށް ޢުމުރުން ދުވަސްވުމުން ދަންވަރު ތެދުވެ ދަމުނަމާދުކުރަން ހިތްވަރު ލިބި އެކަމަށް މަގުފަހިވެގެންދެއެވެ. އެއީ ޒުވާން އިރުންސުރެ އޭނާގެ ހިތުގައި ރޭއަޅުކަމަށް ލޯބިއުފެދިފައިވާތީއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން