"ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑައިނުލާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތެވެ. އެކަން ނުކުރެވިގެން ބައަކު އެބަ ތެޅި ފޮޅެއެވެ.
މާލެ ސިޓީގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަންޖެހޭ އެއްވެސް ސަބަބެއް އަދި ފެންނާކަށް ނެތެވެ. ނަމާދުގައި ހޭދަކުރާ މަދު މިނިޓުކޮޅަށްވުރެ މަގުމަތިން ފެންނަމުންދާ ކަންކަމުގެ ނުރައްކާ މާބޮޑެވެ.
މިސްކިތުގެ ޖަމާޢަތް މެދުކަނޑާލަން ޖެހޭ ޙާލަތު އައުމުން އަހަރެމެންނަށްވެސް އެތަން ފެންނާނެއެވެ. އެއިރުން އެކަން ކުރަން ނުކުންނާނީވެސް އަހަރެމެންނެވެ. ވީމާ ޖަމާއަތުގައި ނަމާދުކުރަން ލޯބިކުރާ އެންމެންގެ ކިބައިން، އިސްލާމް ދީނަށް ލޯބިކުރާ އެންމެންގެ ކިބައިން އެދެން އޮތީ ނަޞްރު ދެއްވެވުން އެދި ދުޢާކުރުމުގައި ސާބިތުވުމަށެވެ."
މިއީ ހިނގަމުން މިދާ ކަންކަމުގައި އެއްވެސް ބަސްފުޅެއް ސޯޝަލް މީޑިއާގައިވެސް އަދި މީޑިއާގައިވެސް ހާމަނުކުރައްވައި ހަމައެކަނި އިސްލާމިކް މިނިސްޓްރީގެ ބައްދަލުވުންތަކުގައި ޚިޔާލުފައުޅުކުރައްވަމުން ގެންދަވާ ރާއްޖޭގެ އެންމެ އިސް ބައެއް ޢިލްމްވެރިން މިއަދު މިއަދުނީހާއި ހިއްޞާކުރައްވާފައިވާ ބައެއް ބަސްފުޅުތަކެވެ.
ޢިލްމުވެރިންގެ ބަސްފުޅުތައް މިމޭރުމުން ހުރިއިރު ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާ ގޮތާއިމެދުވެސް ބައެއް މީހުން ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
"އަޅުގަނޑު އުޅޭ ގޭގެ މީހަކު ޕޮޒިޓިވްވުމުން ކޮންޓެކްޓަކަށްވެގެން އަޅުގަނޑުވެސް ހުރީ ގޭގަ. 14 ދުވަސްވެގެން ސާމްޕަލް ދިނީމަ ދެދުވަސްވީއިރުވެސް ނަތީޖާއެއް ނުލިބުނު. އެހެންވެ ގުޅީމަ ބުނީ ނަތީޖާ އެ ނުލިބުނީ ޕޮޒިޓިވް ވީމައޭ. އެހިސާބުން މިހާރު މިހިރީ ޕޮޒިޓިވްވެފަ."
މިފަދަ އެތައް ޝަކުވާތަކެއް ކޮންމެ ދުވަހަކު ދަނީ ލިބެމުންނެވެ. ކޮވިޑަކީ އައްޑަނައަކަށް ހަދައިގެން ޖަމާޢަތުގައި ނަމާދުކުރުމުގެ ރޫޙް ކަނޑުވާލަން ބޭނުންވާ ބައަކު އެކަމަށް ގެންދަނީ ވަރަށް ރޭވުންތެރިކަމާއިއެކު މަސައްކަތްކުރަމުންނެވެ.
"----އެއުރެން މަކަރުވެރި، ނުބައި ރޭވުންތައް ރާވަތެވެ! އަދި ﷲ (އެއުރެންގެ ރޭވުންތައް ބާޠިލް ކުރައްވަވައި، އެއުރެންނަށް ކެހިލިބޭނެ ގޮތަށް) ތަދްބީރު ކުރައްވަވަތެވެ. ﷲ އީ، މަކަރުވެރިންނަށްވުރެ، ތަދްބީރުކުރެއްވެވުން މޮޅު ރަސްކަލާނގެއެވެ." (އަލްޢަންފާލް: 30)