ގިނަ ބައަކަށް އެންމެ ގިނައިން ނަގައިލެވެނީ އަނބިދަރިންނަށާ މައިންބަފައިންނަށް ޚިދުމަތްކޮށްގެން ސުވަރުގެ ވަނުމަށް ދެއްވަވާ ފުރުޞަތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ގިނަ ބައަކަށް އެންމެ ގިނައިން ނަގައިލެވެނީ އަނބިދަރިންނަށާ މައިންބަފައިންނަށް ޚިދުމަތްކޮށްގެން ސުވަރުގެ ވަނުމަށް ދެއްވަވާ ފުރުޞަތެވެ!

އިންސާނުންނަށް ﷲ ތަޢާލާ ދެއްވަވާ އެއްވެސް ނިޢްމަތަކީ އެމީހަކާއިއެކު ދާއިމަށް ދެމިހުންނާނެ ނިޢްމަތެއް ނޫނެވެ. ކޮންމެވެސް ހިސާބަކުން ތިމައާއި ވަކިވާނެއެވެ. ޞިއްހަތުކަމުގައިވީނަމަވެސް، ތަނަވަސްކަން ކަމުގައިވީނަމަވެސް، މަތީ މަޤާމާއި އާރާއި ބާރު އަދި އަނބިދަރިން ކަމުގައިވީ ނަމަވެސްމެއެވެ. 

ވީމާ ކޮންމެ ނިޢްމަތެއްވެސް ތިމާ އާއިއެކުގައިވާ ހިނދުކޮޅުގައި އެ ނިޢްމަތުގެ ސަބަބުން ތިމާއަށް ސުވަރުގެ ލިބިގެންދާނެ ގޮތުގައި ބޭނުންހިފާށެވެ. ނިޢްމަތް ވަކިވެދިއުމުން އެކަމުގެ ހިތާމަ ކުރަން ނުޖެހޭނީ އެއިރުންނެވެ. 

ނިޢްމަތްތަކުގެ ތެރެއިން މީސްތަކުންނަށް އެންމެ ބޮޑަށް ޣާފިލުވެވެނީ އަނބިދަރިންނަށާއި މައިންބަފައިންނަށް ޚިދުމަތްކުރަން ލިބޭ ފުރުޞަތާއިމެދުގައެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތައިގެން ސުވަރުގެ ލިބިގަތުމަށް ލިބޭ ފުރުޞަތުގެ ބޭނުން ހިފެނީވެސް މަދު މީހަކަށެވެ. ފަހުން އަޅާލައި ހެޔޮކޮށް ހިތަން ހުއްޓައި އެމީހުން އެބަ ދުނިޔެ ދޫކުރެއެވެ. 

ދަރިންނަށް އަޅާލައި ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރަން ފަސްޖެހިގެން ހުއްޓައި އެކުދިންނަށް ރަނގަޅު ތަރުބިއްޔަތު ނުލިބި އެބަ ބޮޑެތިވެއެވެ. ﷲ ތަޢާލާއަށް ބިރުވެތި ނުވާ ބައެއްގެ ގޮތުގައި އެބަ ބޮޑެތިވެއެވެ. އަނބިމީހާއަށް ހެޔޮކޮށްހިތައިގެން ސުވަރުގެ ލިބެން އޮތް ފުރުޞަތު އެބަ ނަގައިލެވެއެވެ. އަދި ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކޮށްގެން ސުވަރުގެ ވަނުމަށް ލިބޭ ފުރުޞަތުވެސް އެބަ ނަގައިލެވެއެވެ. 

ވީމާ ތިމާއަށް ﷲ ދެއްވަވާ ކޮންމެ ނިޢްމަތަކީވެސް ސުވަރުގެ ވަނުމަށް ދެއްވަވާ ފުރުޞަތެއްކަން ޤަބޫލުކޮށް ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ. ފުރުޞަތަކީ އެހައިގިނައިން ލިބޭނެ އެއްޗެއް ނޫނެވެ. ކޮންމެ ފުރުޞަތެއްވެސް މިލިބެނީ ވަރަށް ކުރު މުއްދަތަކަށެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން