އިންސާނުންނަށް ﷲ ތަޢާލާ ދެއްވަވާ އެންމެ ބޮޑު އެއް ނިޢްމަތަކީ ދިރިއުޅުމަށް ރަނގަޅު، ތަޤްވާވެރި ބައިވެރިއަކު ދެއްވެވުމެވެ. ނަމަވެސް ގިނަ ފަހަރަށް އަހަރެމެންނަށް އެކަން ބަލައިގަތުން ވަނީ ވަރަށް އުނދަގޫ ކަމަކަށެވެ. އެފަދަ ބައިވެރިއަކު ދެއްވެވުމުން ޝުކުރުވެރިވެ ދެމަފިރިންގެ ގުޅުން ބަދަހިކަމާއިއެކު ދަމަހައްޓަން މަސައްކަތްކުރެވެނީ މަދުމީހަކަށެވެ.
ބައިވެރިޔާއަކީ ކެތްތެރި ރަނގަޅު މީހަކު ކަމުގައިވެެއްޖެނަމަ ގިނަ ފަހަރަށް ޤަބޫލުކުރެވިފައި އޮންނަނީ އެނިޢްމަތް ދުވަހަކުވެސް ގެއްލިގެން ނުދާނެ ކަމަށެވެ. ތިމާ ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް ދުވަހަކުވެސް ވަކިނުވާނެކަމަށެވެ. ފުދިގެން ހުންނާނެ ކަމަށެވެ.
ނަމަވެސް އެއީ މިޒަމާނުގައެއް ނޫނެވެ. އެއްވެސް ޒަމާނެއްގައި އެކަން ވެފައިއޮތް ގޮތެއް ނޫނެވެ. ވަކިހިސާބަކުން ކެތްތެރިކަން ކޮޅުންލައެވެ. ފޫހިވާންފަށައެވެ. އެކަންކަން ނަފްރަތަށް ބަދަލުވެގެންދެއެވެ. އެންމެފަހުން ދެމަފިރިންގެ ގުޅުން ކެނޑިގެންދެއެވެ.
މުސްލިމުންނަކީ އެންމެންނަށްވެސް ހެޔޮކޮށް ކަންކަން ކުރަންޖެހޭނެ ބައެކެވެ. ވަކިން ޚާއްޞަކޮށް އަނބިދަރިންނަށާއި މައިންބަފައިންނަށާއި ޢާއިލާއަށް ހެޔޮކޮށްހިތަން ޖެހޭނެއެވެ. ލޯބިވާންޖެހޭނެއެވެ. ލޯބިދޭންވެސް ޖެހޭނެއެވެ.
ރަނގަޅަށް ވިސްނާށެވެ! ދުނިޔޭގައި ދެއްވަވާ އެއްވެސް ނިޢްމަތަކީ ދާއިމީ ނިޢުމަތެއްކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. ދާއިމީ ނިޢްމަތް ލިބުންވަނީ ހަމައެކަނި ސުވަރުގެއިންނެވެ. ސުވަރުގެ ވަދެވިއްޖެނަމައެވެ. އަދި ސުވަރުގެ ވަދެވެން އޮތީ ހެޔޮކޮށް ހިތަން ޖެހޭ މީހުންނަށް ހެޔޮކޮށްހިތައިގެންނެވެ.
އަހަރެންގެ މިނަޞޭޙަތް މިއަމާޒުކުރީ ހަަމއެކަނި އަނބިންނަށް ނުވަތަ ފިރިންނަކަށް ނޫނެވެ. ދެމަފިރިންނަށެވެ. ދެމަފިރިންކުރެ ކޮންމެ މީހަކުވެސް އިހުމާލުވެއްޖެނަމަ ކަންކަން މިބުނިމަގުން މެދުވެރިވާނެއެވެ. ދެމަފިރިންގެ ގުޅުން ލޯތްބާއިއެކު ދެމެހެއްޓޭނީ ދެމަފިރިންވެސް އެކަމަށް މަސައްކަތްކުރުމުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން