ފުވައްމުލައް ސިޓީގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެނީ

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 37ސ
ފުވައްމުލައް ސިޓީގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެނީ

ފުވައްމުލައް ސިޓީ މޮނިޓަރިންގ ޙާލަތަށް ގެނައުމާ ގުޅިގެން އެ ސިޓީގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އަންގާރަ ދުވަހު ފަށައިފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން ފުވައްމުލައް ސިޓީގެ ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ގުޅައި، ބޭނުންވާ އެހީތެރިކަން ދެނެގަނެ، "ކެއަރ ޕެކޭޖަސް" ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންކަމަށެވެ..

މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ފުވައްމުލައް ސިޓީގައި މިހާރު އޮތް މޮނިޓަރިންގ ޙާލަތާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދީ، އެ ފަރާތްތަކުގެ އަސާސީ ބޭނުންތައް ދެނެގަނެ، މި ފަދަ ޞިއްޙީ ޙާލަތްތަކުގައި އެ ފަރާތްތަކަށް ބޭނުންވާ ނަފުސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ މި މަސައްކަތުގެ ތެރެއިން ކާބޯތަކެތީގެ އިތުރުން ސެނިޓައިޒަރ، މާސްކް، އަންގި ފަދަ ތަކެތި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި ކަމަށާއި މިހައިތަނަށް 40 ކެއަރ ޕެކޭޖް ވަނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެވިފައި ކަމަށެވެ.

މި މަސައްކަތުގައްޔާއި ފުވައްމުލައް ސިޓީގައި ޤާއިމުކޮށްފައިވާ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތުގައި ފުވައްމުލައް ސިޓީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މޮނިޓަރިންގ ޙާލަތަށް ގެނެވޭ ރަށްތަކުގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން މިނިސްޓްރީން އަންނަނީ ފޯރުކޮށްދެމުންނެވެ. އެ ގޮތުން މި މަހުގެ 11ން ފެށިގެން އައްޑޫ ސިޓީގެ އެކި ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

 

މިއަދު އޮންލައިން