ދިހަރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް އެމް.އޯ.ޔޫ ގައި ސޮއިކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 2މ 36ސ
ދިހަރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް އެމް.އޯ.ޔޫ ގައި ސޮއިކޮށްފި

ދިހަރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް އެރަށްރަށުގެ ރަށު ކައުންސިލްތަކާއެކު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) ގައި ސޮއިކޮށްފިއެވެ.

މިއީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން 5 (ފަހެއް) މިލިއަން ރުފިޔާ އަށް ވުރެ ކުޑަ މަޝްރޫޢުތައް އެރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލްތަށް މެދުވެރިކޮށް ތަންފީޒުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ރަށު ކައުންސިލްތަކާ ޙަވާލުކުރެވުނު މަސައްކަތެކެވެ. އެގޮތުން މިފަދަ މަޝްރޫޢުތައް ރަށުކައުންސިލްތައް މެދުވެރިކޮށް ތަންފީޒުކުރުމުގެ އެއްމެ ބޮޑު ބޭނުމަކީ ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫޢުތައް ތަންފީޒުކުރުމުގައި ރަށުކައުންސިލްތަކުގެ ދައުރު ފުޅާކުރުމާއި އެކައުންސިލްތައް ބާރުވެރިކުރުވުމެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އެކު ސޮއި ކޮށްފައިވާ ކައުންސިލްތަކަކީ ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. ވަށަފަރ، ހއ. އުތީމު، ހދ. ނައިވާދޫ، ހދ. ހަނިމާދޫ، ހދ. ނޮޅިވަރަންފަރު، ހދ. ނެއްލައިދޫ، ށ. ނަރުދޫ، އަދި ގދ. ތިނަދޫއެވެ.

މިއަދު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ރަށު ކައުންސިލްތަކާ އެކު ސޮއި ކުރި އެމް.އޯ.ޔޫ ތަކުގެ ޖުމްލަ އަގަކީ  9144896.00 ރ (ނުވަ މިލިއަން އެއްލަށްކަށް، ސާޅީސް ހަތަރުހާސް އަށްސަތޭކަ ނުވަދިހަ ހަރުފިޔާ) އެވެ. މި އެމް.އޯ.ޔޫ ގެ ދަށުން އެކައުންސިލްތަކުން ތަންފީޒުކުރާ މަޝްރޫޢުތަކުގެ އެއްމެހާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެކައުންސިލަކުންނެވެ.

މީގެ ތެރޭގައި އެރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ޓެންޑަރކޮށް ކޮންޓްރެކްޓަރ ޢައްޔަންކުރުމާއި އެފަރާތާއި އެކު އެއްބަސްވުންތަކުގައި ސޮއިކުރުމާއި އަދި މީގެ އިތުރުން މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) ހަދަންޖެހޭނަމަ އެމަސައްކަތްތައްވެސް ކަނޑައެޅިފައި އޮންނަ އުޞޫލުން ކުރިއަށްގެންދާނީ އެރަށެއްގެ ރަށުކައުންސިލަކުންނެވެ.

މި އެމް.އޯ.ޔޫގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ދައުރަކީ ކޮންމެ ރަށެއްގައިވެސް މަޝްރޫޢު ކުރިއަށްދާގޮތް ބަލާ މޮނިޓަރ ކުރުމާއި އެރަށަކަށް ބޭނުންވާ ބަޖެޓް ހަމަ ޖެހިފައި އޮންނަ އުޞޫލުން އެރަށެއްގެ ކައުންސިލަށް ޓްރާންސްފަރ ކުރުމެވެ. އެހެންކަމުން ކޮންޓްރެކްޓަރުންގެ ބިލްތަކަށް ފައިސާ ދެއްކުމަކީވެސް ރަށު ކައުންސިލްގެ ދައުރެއްގެ ގޮތުގައި މި އެމް.އޯ.ޔޫ ތަކުގައިވަނީ ކަނޑައަޅާފައެވެ.

ކޮންމެ ރަށެއްގައިވެސް ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކޮށްނިމުން އެތަންތަނާއި އަދި އެތަންތަނުގައި ބެހެއްޓޭ އިކުއިޕްމަންޓްތައް އެސެޓް ޓްރާންސްފަރ ހެދުމަށްފަހު އެރަށެއްގެ ރަށު ކައުންސިލްގެ މިލްކެއްގޮތުގައި ހަމަޖެއްސުމަށް ކަނޑައަޅާފައިވާ ކަމުގައިވެސް މިނިސްޓްރީން ބުނެއެވެ.

މިއަދު އޮންލައިން