ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (93/4) ގެ ދަށުން ޙިމާޔަތްކުރާ ދިރޭތަކެއްޗާބެހޭ ގަވައިދެއް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން މިއަދު ގެޒެޓުކޮށްފިއެވެ.
މި ގަވައިދަށް ކިޔަނީ "ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު" އެވެ. މި ގަވައިދު ގެޒެޓު ކުރެވުމާއި ގުޅިގެން ތިމާވެށީގެ ޤާނޫނުގެ ދަށުން ޙިމާޔަތްކޮށްފައިވާ ދިރޭތަކެއްޗާމެދު ޢަމަލުކުރެވިގެންދާނީ މިގަވައިދުގައި ބުނާގޮތަށެވެ.
މި ގަވައިދުގައި ހިމެނޭ ބައިތަކުގެ ތެރޭގައި، ހިމާޔަތްކުރާ ތަކެއްޗަށް މެނޭޖްމަންޓް ޕްލޭން ހެދުމާއި، ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ލިސްޓެއް އެކުލަވާލުމާއި، ހިމާޔަތް ކުރާ ދިރޭތަކެތި ބަލަހައްޓާ ތަންތަން ރަޖިސްޓްރީ ކުރުމާއި އެތަކެތީގެ ދިރާސާކުރުމާބެހޭ އިޖުރާއަތްތައް ހިމެނެއެވެ.
މީގެ އިތުރުން ހިމާޔަތްކޮށްފައިވާ ތަކެއްޗާމެދު ގަވައިދާ ޚިލާފަށް އަމަލު ކުރާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައްވެސް މި ގަވައިދުގައި ތަފްސީލުކުރެވިފައި ވެއެވެ.