އޭނާ ގެއަށް އައިއިރު ގޭގެ ގޮރު ހުރީ އެތެރެއިން ތަންޑުއަޅައިފައެވެ. އެހެންވެ ތަޅުދަނޑިން ހުޅުވޭނެ ގޮތެއް ނުވިއެވެ. ޖެހުނީ ދޮރުގައި ތަޅާށެވެ. ދޮރު ހުޅުވީ އެތައް އިރެއްފަހުންނެވެ.
ދޮރުހުޅުވުމަށްފަހު އަނބިމީހާ ބުނީ ނިދިފައި އޮވެވުނީކަމަށެވެ. އަދި މާފުކުރުމަށެވެ. ފިރިމީހާ ރުޅި މަޑެއްނުވެއެވެ. ކޮޓަރިއަށްވަދެ ތަންތަން ހޯދައިލުމުން ފެނުނީ މީހެއްގެ ގަމީހަކާއި ފަޓުލޫނެކެވެ. އެހިސާބުން ރުޅި އިންތިހާއަށް ގަދަވެގެންދިއައެވެ.
ހިތަށްއެރިހައި އެއްޗެއް އަނބިމީހާއަށް ގޮވަމުން ފަޓުލޫނާއި ގަމީސް ހިފައިގެން ބޭރަށް ނުކުތްއިރު އަޑުގަދަވެގެން އަވަށްޓެރިންވަނީ ޖަމާވެފައެވެ. ގަމީސް އެއްލައިލުމަށްފަހު ފަޓުލޫނު އެއްލައިލަން އުޅުމުގެ ތެރޭގައި ޖީބުން ހަރުއެއްޗެއް އަތުގައި ޖެހުމުން ސިއްރުސިއްރުން ބަލައިލިއިރު އެއީ ޑޮލަރުބޮނޑިއެކެވެ.
ޑޮލަރުބޮނޑި ފެނުމާއިއެކު ވާހަކަ މުޅިން ބަދަލުވެއްޖެއެވެ. އެއީ އޭނާގެ ހެދުމަކަށްވެސް ބަދަލުވެއްޖެއެވެ. ނުލާތާ ގިނަދުވަސްވުމުން ހަނދާން ނެތުނީ ކަމަށްވެސް ވެއްޖެއެވެ. އެންމެންގެ ކުރިމަތީގައި އަނބިމީހާގެ ކިބައިން މާފަށްވެސް އެދިއްޖެއެވެ. އަދި އަނބިމީހާއަކީ ދުވަހަކުވެސް ޚިޔާނާތްތެރިވާނެ އަންހެނެއް ނޫންކަމަށްވެސް ބުނެފިއެވެ.
މިއީ މިއަދުގެ ހާލެވެ. ފިރިމީހާ އަނބިމީހާގެ ވާހަކަ، އަނބިމީހާ ފިރިމީހާގެ ވާހަކަ ދައްކައި އެކަކު އަނެކު ފަޟީޙަތްކުރަމުން ގެންދާއިރު ފައިސާ އާއި ހަމައަށް ދިއުމުން ކަންކަން ހިނގަނީ މިފަދަ ގޮތަކަށެވެ. އަނބިމީހާ އޮފީހަށް ގޮސް ވަޒިފާއަދާކުރުމުގެ ކަންކަމުގައި ކުރިމަތިވާ މައްސަލަތަކުގައިވެސް ގިނަފަހަރަށް ކަންކަން ހިނގަނީ މިފަދަ ގޮތަކަށެވެ. ބޭނުންވަރަކަށް ޚަރަދުކުރާނެ ފައިސާ ގެއަށް ގެންނަނަމަ ކުރާނެ އެއްވެސް ޝަކުވާއެއް ނުއޮވެއެވެ. ނޫންނަމަ ފުރެންދެން މައްސަލަތަކެވެ.
ވީމާ އަނބިންގެ ޢިއްޒަތާއި އިއްފަތްތެރިކަން ގުޅިފައި މިވަނީ ގެއަށް ގެނެވޭ ފައިސާގެ އަދަދާއިކަމަށް މިއަދު މިއޮތީވެފައެވެ. ޙަޤީޤަތް ޤަބޫލުނުކުރެވި އެއްވެސް ކަމެއް އިޞްލާޙެއް ނުކުރެވޭނެ ނޫންތޯއެވެ؟
- މިއަދުނޫހުގެ ކިޔުންތެރިއެއް-