އަބޫ އައްދަރުދާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ: "އަނިޔާ ލިބިފައިވާ މީހާގެ ދުޢާގެ މައްޗަށް ސަމާލުވާށެވެ. އެދުޢާ އަލިފާންކަނިތަކެއް އަރައިގެންދާ ފަދައިން ﷲގެ ޙަޟްރަތަށް ދެއެވެ."
ހިޝާމް ބިން ޢުރްވާ އެކަލޭގެފާނުގެ ބައްޕާފުޅުގެ ކިބައިން ރިވާކުރައްވައެވެ.
އަރްވާ ބިންތި އުވައިސް ޞަޙާބީ ބޭކަލެއްކަމަށްވާ ސަޢީދު ބިން ޒައިދު ރަޟިޔަﷲ ޢަންހުއާއި މެދުގައި އެކަލޭގެފާނުގެ އެކަނބުލޭގެ ބިމުން ބައެއް އެކަލޭގެފާނުގެ ބިމަށް އިތުރުކޮށްފައިވާ ކަމަށް ދަޢުވާކޮށްފިއެވެ. އަދި ޚަލީފާ މަރުވާން ބިން ޙަކަމްގެ އަރިހަށް އެމައްސަލަ ހުށައަޅައިފިއެވެ. އެމައްސަލަ ހުށައެޅުމުން ސަޢީދު ބިން ޒައިދު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން މިބަސްފުޅު އިވުމުންވެސް ތިމަންކަލޭގެފާނު އެކަމަނާގެ ބިމުން ބައެއް ނަގާފައެވެ. (ނެގީހެއްޔެވެ؟)
އެކަލޭގެފާނަށް ދެންނެވުނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން އަޑުއެހީ ކޮންބަސްފުޅެއްތޯއެވެ؟ ދެންނެވިއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާތީ އަޑުއެހީމެވެ. (مَنْ أَخَذَ شِبْرًا مِنَ الْأَرْضِ ظُلْمًا، طُوِّقَهُ إِلَى سَبْعِ أَرَضِينَ) މާނައީ: "ބޭއިންސާފުން މީހެއްގެ ބިމަކުން ބައެއްނެގިމީހާގެ ކަރުގައި (ޤިޔާމަތް ދުވަހުން) ހަތްބިން އެޅުވޭ ހުއްޓެވެ."
މަރުވާން ދެންނެވިއެވެ. މިއަށްފަހު ހެއްކަކަށް ނާހާނަމެވެ.
އެއަަށްފަހު ސައީދު ބިން ޒައިދު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. އެކަމަނާ ދޮގުހަދާނަމަ، އެކަމަނާގެ ލޮލުގެ ފެނުން ގެންދަވައި އެބިން އެކަމަނާގެ ޤާތިލެއްކަމުގައި ލައްވާށިއެވެ.
ދެން ލޯ އަނދިރި ވުމަށްފަހު އަދި އެއްރެޔަކު އެތަނުގައި އުޅެނިކޮށް އެތާހުރި ވަޅުގަނޑަކަށް ވެއްޓުމަށްފަހު ފަހުގައި މެނުވީ އެކަމަނާ މަރުނުވެއެވެ.
އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ.
ރާވީ ދެންނެވިއެވެ. "ތިމަންނާ އެކަމަނާ ލޯއަނދިރިވެފައި ހުއްޓާ ދުށީމެވެ. އަދި ފާރުގައި ހިފަހައްޓައިގެން ހުރެ ހިނގަމުން އެކަނބުލޭގެ ކިޔައެވެ. ތިމަންނާއަށް ސަޢީދުގެ ބަދު ދުޢާމިވަނީ ޖެހިފައެވެ. އަދި އެއްރެޔަކު ގޯތިތެތެރޭގައި އުޅެނިކޮށް އެތާހުރި ވަޅަކަށް ވެއްޓި ނިޔާވީއެވެ."
(މަޞްދަރު: ޙިލްޔާ، ޞަޙީޙް މުސްލިމްގައި މިދެރިވާޔަތް އައިސްފައިވެއެވެ. 138 އަދި 139ވަނަ ޙަދީޘް)
އަބޫ އައްދަރުދާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ: "އަނިޔާ ލިބިފައިވާ މީހާގެ ދުޢާގެ މައްޗަށް ސަމާލުވާށެވެ. އެދުޢާ އަލިފާންކަނިތަކެއް އަރައިގެންދާ ފަދައިން ﷲގެ ޙަޟްރަތަށް ދެއެވެ."
- އައްޝައިޚު ޢަބްދުއްރަޙީމް ބިން މުޙައްމަދު
ޝައިޚުގެ މިލިޔުއްވުމާއި ގުޅިގެން ފާހަގަކޮށްލަން ޖެހެނީ ބަޔާންކުރެވުނު ފަދަ ޙަދީޘްތައް އެނގޭ ދީނީ ބޮޑުން ކަމުގައި ދެއްކިގެން އުޅޭ ބައެއް މީހުން މީސްމީހުންގެ ބޮޑެތި ބިންތައް އެކި އުޚުޅުތަކާއި ބާރާއި ނުފޫޒު ބޭނުންކޮށްގެން ހޯދާއިރު ހޯދި ބިމަކަށް 7 ބިން ކަރުގައި އަޅައިގެން ހުންނަން ޤިޔާމަތް ދުވަހު ޖެހޭނެ ކަމާއިމެދު ބިރުނުގަންނަ ކަމެވެ.
އެފަދަ މީހުން ދޭ ދީނީ ފަތުވާ އަޑުއަހައި ލިޔާ ލިޔުން ޤަބޫލުކުރަން ހެޔޮވެދާނެކަމާއިމެދު ސުވާލު އުފެދެއެވެ.