ޚަދީޖަތުގެފާނު، ހެޔޮވިސްނޭ ހުރިހާ އަންހެނުންނަށް ދެއްވެވި މެސެޖް: ފިރިންގެ ކިބައިން ބޭނުމީ ތަނަވަސްކަމެއް ނޫން- ތެދުވެރިކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ޚަދީޖަތުގެފާނު، ހެޔޮވިސްނޭ ހުރިހާ އަންހެނުންނަށް ދެއްވެވި މެސެޖް: ފިރިންގެ ކިބައިން ބޭނުމީ ތަނަވަސްކަމެއް ނޫން- ތެދުވެރިކަން!

މިއަދު ގިނަ އަދަދެއްގެ އަންހެނުން ދުވަނީ ތަނަވަސްކަމުގެ ފަހަތުންނެވެ. ތަނަވަސް ނޫން އަންހެނުންގެ އިތުރުން ކިތަންމެ ތަނަވަސް އަންހެނަކުނަމަވެސް ބަލަނީ އިތުރު ތަނަވަސްކަމަށެވެ. ކައިވެނިކުރަން ބޭނުންވަނީ ތިމާފަދަ ނުވަތަ ތިމާއަށްވުރެވެސް ތަނަވަސް ފިރިހެނަކާއިއެވެ. 

ނަމަވެސް ހެޔޮ ވިސްނޭ އަންހެނަކަށް ބޭނުންވަނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި ރިވެތި އަޚްލާޤްހުރި ފިރިއަކުކަން މުޅިދުނިޔެއަށް ދައްކަވައިދެއްވަވައި މިއުންމަތުގެ މައިކަމަނާ ޚަދީޖަތުގެފާނު ވަނީ އެކަމުގައި ނަމޫނާ ދައްކަވައިދެއްވަވައިފައެވެ.  

ޚަދީޖަތުގެފާނަކީ މައްކާގައި ތަނަވަސްބޭކަނބަލެކެވެ. މައްކާގެ އެންމެ ބޮޑެތި މުއްސަނދިން ތިބީ އެކަމަނާގެ ކައިވެނިފުޅަށް އެދިއެދިއެވެ. ނަމަވެސް އެކަމަނާ ޚައިވެނިފުޅުކުރައްވަން ނިންމެވީ ޔަތީމް، މިސްކީނު މުޙައްމަދު ބިން ޢަބްދިﷲ އާއިއެވެ. (ރަސޫލް ﷺ އަށް ރަސޫލްކަން ލިބިވަޑައިގަތީ ކައިވެނިފުޅުކުރެއްވެވިފަހުންނެވެ.)   

ޚަދީޛަތުގެފާނު އިތުރު ރަސޫލާ ﷺ އާއި ކައިވެނިފުޅު ބައްލަވައިގަތީ އެކަލޭގެފާނުގެ އަމާނާތްތެރިކަމާއި ތެދުވެރިކަމާއި ރިވެތި އަޚްލާޤަށް ބައްލަވައިގެންނެވެ. 

ކައިވެނީގައި އެންމެ މުހިންމު އެއްކަމަކީ އެކަކު އަނެކަކަށް އިތުބާރުކުރުމެވެ. ރަސޫލް ﷺ ރަސޫލްކަމާއިގެން ފޮނުއްވެވުމުން އެކަން ޤަބޫލުފުޅުކުރެއްވެވި ފުރަތަމަ ބޭކަނބަލަކީ ޚަދީޖަތުގެފާނެވެ. "ތިމަންކަލޭގެފާނަށް ވަޙީ ބާވައިލައްވަވައިފި" ކަމަށް ޙަދީޘްފުޅުކުރެއްވެވުމާއިއެކު ޚަދީޖަތުގެފާނު ވަނީ އެކަން ޤަބޫލުފުޅުކުރައްވަވައިފައެވެ. އިތުރު އެއްވެސް ސުވާލެއް ކުރެއްވެވުމަކާއި ނުލައެވެ. އަދި އެކަމަނާއަކީ އެކަން އެންމެ ފުރަތަމަ އެނގިވަޑައިގެންނެވި ކަމަނާވެސްމެއެވެ. އެކަމުން އަންގައިދެނީ އެކަމަނާ ރަސޫލް ﷺ އަށް ކުރެއްވެވި އިތުބާރުގެ ބޮޑުކަމެވެ. 

"ކަލޭގެފާށނަކީ ދުވަހަކު ވެސް އިތުރުފުޅެއް ހެއްދެވި ބޭކަލަކު ނޫން" ކަމަށް  ޚަދީޖަތުގެފާނު ވިދާޅުވި ވިދާޅުވުން އަންގައިދެނީ ފރިންގެ ކިބައިން ތެދުވެރިކަން ބޭނުންވާ މިންވަރެވެ. އަނބިންނަށްވެސް އިތުބާރުކުރެވޭނީ ފިރިން ތެދުވެރިވެގެންކަމެވެ. މިކަން އެއްވެސް ފިރިއަކު ހަނދާންނައްތާލައިގެން ނުވާނެއެވެ! 

މީގެ އިތުރުން އަނބިމީހާ އަބަދުވެސް ހުންނަންވާނީ ފިރިމީހާ އާއިއެކުގައިކަން އެކަމަނާވަނީ ވަރަށް ފުރިހަމައަށް ސާބިތުކޮށްދެއްވަވައިފައެވެ. މައްކާގެ އެންމެން ރަސޫލް ﷺ ގެ ރަސޫލްކަން ޤަބޫލުނުކޮށް ދެކޮޅުހަދަމުން ގެންދިއައިއރުވެސް އެކަމަނާ ހުންނެވީ ފިރިކަލުންނަށް ފުރިހަމައަށް އިތުބާރުކުރައްވަވައިގެންނެވެ.

ފިރިމިހާޙައްޤުގޮތުގައި ހުރިނަމަ އަނބިމީހާގެ ތަނަވަސްކަމުން ހޭދަކުރަން ފަސްޖެހިގެން ނުވާނެކަންވެސް އެކަމަނާ އުންމަތަށް ދައްކަވައިދެއްވެވިއެވެ. އެކަމަނާގެ ތަނަވަސްކަން ޤުރްބާންކުރެއްވެވީ އިސްލާމް ދީނަށެވެ. ﷲ ތައާލާއަށެވެ. ރަސޫލް ﷺ އަށްޓަކައެވެ. އިތުރު އެކަލޭގެފާނަށް ﷲ ތަޢަލާ ބާވައިލެއްވެވި ދީން މަތިވެރިކުރެއްވެވުމަށެވެ. 

ޚަދީޖަތުގެފާނު އެންމެ ފުރިހަމަ ގޮތުގައި ސާބިތުކުރައްވަވައިދެއްވެވީ "އަނބިންނަކީ ފިރިންނަށްވާ ފޭރާމެއް"ކަމެވެ. އަދި ރަސޫލް ﷺ ސާބިތުކޮށްދެއްވެވީ "ފިރިންނަކީ އަނބިންނަށްވާ ފޭރާމެއް" ކަމެވެ. (ބަޤަރާ ސޫރަތުގެ 187 ވަނަ އާޔަތުގައިވާ ފަދައިން)   

ކައިވެނި އެއިގެ އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބުކުރެވޭނީ އެއާޔަތުގައިވާ ފަދައިން ދެމަފިރިންވެސް ޢަމަލުކޮށްގެންނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން