އަނދިރިކަމުގެ ލަފްޒީ މާނައަކީ އަލިކަން ނެތުމެވެ. ނަމަވެސް އެއަށްވުރެ ދުރަށް ބަލައިފިނަމަ ނުވަތަ މާނަ ފުޅައުކޮށްފިނަމަ ހިތްދަތިކަމާއި މުޞީބާތަކީވެސް އަނދިރިކަމެވެ. އެކަންކަމުން ސަލާމަތްވެވުމަކީ އަލިކަމުގެ ތެރެއަށް ނުކުމެވުމެވެ.
އެކަމަށް އޮތް މަގު މިއޮތީ ﷲ ތަޢާލާގެ ވަޙީބަސްފުޅުން ފެންނާށެވެ!
﴿يَهْدِي بِهِ اللَّهُ مَنِ اتَّبَعَ رِضْوَانَهُ سُبُلَ السَّلَامِ وَيُخْرِجُهُمْ مِنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِهِ وَيَهْدِيهِمْ إِلَى صِرَاطٍ مُسْتَقِيمٍ﴾ [المائدة: 16]
މާނައީ: "ﷲ، އެއިލާހު ރުއްސަވާ މަގަށް ތަބާވީ މީހަކަށް ސަލާމަތުގެ މަގަށް އެފޮތުން މަގު ދައްކަވަތެވެ. އަދި އެއިލާހުގެ އިޛުނަފުޅުން އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް އެބައިމީހުން ނެރުއްވައެވެ. އަދި ސީދާވެގެންވާ ތެދުމަގަކަށް އެބައިމީހުންނަށް މަގުދައްކަވައެވެ." (އަލްމާއިދާ: 16)
މިއާޔަތުން އެނގިގެން މިދަނީ އެމީހަކަށް ދަތިވެއްޖެ ކޮންމެ ކަމަކަށް ކީރިތި ޤުރްއާނުން އެކަމުގެ ޙައްލު ލިބިގެންދާނެކަމެވެ. އަދި ކީރިތި ޤުރްއާނަށް ތަބަޢަވެ ގުޅުން އުފެއްދުމުން ކޮންމެ މުޞީބާތަކުންވެސް ސަލާމަތްކަން ލިބޭނެކަމެވެ. ކިތަންމެބޮޑު ހިތްދަތިކަމެއްގައިވީނަމަވެސްމެއެވެ. އަދި ސީދާވެގެންވާ ތެދުމަގަށް އެމީހަކަށް މަގުދައްކަވައިދެއްވަވާނެ ކަމެވެ.
ވީމާ ކީރިތި ޤުރްއާން ކިޔެވުން ގިނަކޮށް މާނަ އުނގެނީ އަދި ޤުރްއާނަށް ލޯބިކޮށް ޢަމަލުކުރިވަރަކުން އެމީހަކަށް ޙާޞިލު ނުކުރެވޭނެ އެއްވެސް ނިޢްމަތެއް ނުވެއެވެ. އޮތީ ޙާޞިލުކުރަން އެމީހަކަށް މަސައްކަތްކުރަން ކެރުނުވަރެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން