ރާއްޖޭގެ 19 ރަށެއްގައި ބިމުގެ ފެންފަށަލައިގެ ތަފްސީލީ ދިރާސާތައް ކުރުމާއި، ފެން ފަށަލަ އިޔާދަކުރުމަށް ޤާއިމްކުރާނެ ވަސީލަތްތަކުގެ ފީސިބިލިޓީ ހެދުމާއި، ކޮންސެޕްޓް އަދި ޑީޓެއިލްޑް ޑިޒައިން ތައްޔާރުކުރުމުގެ މަސައްކަތް ރިޔަން ޕްރައިވެޓް ލިމިޓެޑް އަދި އިޕޮކް އެސޯސިއޭޓްސް އާ މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ އެވެ. ރިޔަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ އަލްފާޟިލާ މަރިޔަމް މުހައްމަދު ޒަކީއެވެ. އަދި އީޕޮކް އެސޯސިއޭޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޢާވިޔަތު އަބްދުއްސައްތާރެވެ.
މި އެއްބަސްވުމުގެ ދަށުން އއ.މަތިވެރި، އއ.ހިމަންދޫ، އދ.ކުނބުރުދޫ، ދ.ބަނޑިދޫ، ދ.ހުޅުދެލި، މ. ނާލާފުށި، މ. ވޭވަށް، ތ.ކަނޑޫދޫ، ތ.ވަންދޫ، ތ.އޮމަދޫ، ތ.ދިޔަމިގިލި، ތ.ގާދިއްފުށި، ށ.ފޯކައިދޫ، ގއ.މާމެންދޫ، ގއ.ނިލަންދޫ، ގދ.ފަރެސްމާތޮޑާ، ގދ.ރަތަފަންދޫ، ގދ.ނަޑެއްލާ އަދި ގދ.ހޯޑެއްދޫގައި އެ ރަށްރަށުގެ ފެން ފަށަލައިގެ ދިރާސާތަކާއި ފެންފަށަލަ އިޔާދަކުރުމުގެ ވަސީލަތްތައް ފަރުމާކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.
މި މަސައްކަތްކުރުމަށް ރިއަން އަދި އިޕޮކްއާ ހަވާލުކުރި ކޮންޓްރެކްޓް ތަކުގެ ޖުމްލަ އަގަކީ 7،216،115 (ހަތް މިލިއަން ދެލައްކަ ސޯޅަހާސް އެއްސަތޭކަ ފަނަރަ) ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހުށައަޅާފައިވާ މުއްދަތަކީ ސޮއި ކުރާ ތާރީޚުން ފެށިގެން 9 މަސްދުވަހެވެ.
ގްރީން ކްލައިމެޓް ފަންޑް ޕްރޮޖެކްޓް އަކީ 9 މެއި 2017 އިން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތައް ފެނުގެ ޚިދުމަތުގެ ދާއިރާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ހިމެނޭގޮތަށް ކުރިއަށްދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ކުރިއަށްދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ 29 ރަށެއްގެ ޖުމްލަ 19,871 ރައްޔިތުންގެ އާބާދީއަކަށް ސާފު އަދި ރައްކާތެރި ބޯފެން ފޯރު ކޮށްދިނުމާއި، ފެނުގެ ފަށަލަ ދިރާސާ ކޮށް މޮނިޓަރ ކުރުމާއި، ހޫނުމޫސުމަށް ފެނަށް ޖެހޭ ރަށްރަށަށް ފެންފޯރު ކޮށްދޭނެ ޕްލޭން އެކުލަވާލުމާއި، ސެކްޓަރއަށް ބޭނުންވާ މީހުން ބިނާ ކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ފެނާއި ނަރުދާމާގެ ޓެރިފް އަދި ފައިނޭންޝަލް މޮޑެލް އެއް އެކުލާވާލުން ފަދަ މަސައްކަތްތައް ހިމެނެއެވެ.