ވެކްސިން ޖެހުމުގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުން ބޭނުން: ރައީސް ޞާލިޙް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 29ސ
ވެކްސިން ޖެހުމުގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުން ބޭނުން: ރައީސް ޞާލިޙް

ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމުގެ ގޮތުން ވެކްސިން ޖެހުމުގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލެއްވުން ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ކޯވިޑް-19 ދިފާޢު" ކެމްޕޭން ރަސްމީގޮތުން ފައްޓަވައިދެއްވުމަށް މިއަދު ހެނދުނު މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިއުކޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ވިދާޅުވީ، ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމުގެ ގޮތުން ވެކްސިން ޖެހުމުގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލެއްވުން ބޭނުންފުޅުވާނެ ކަމުގައެވެ. އަދި، މި ބަލިމަޑުކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއަށް މިއަދާ ހަމައަށް އާދެވުނީ، ޞިއްޙީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުތައް ބަހައްޓަވައި، ރައްޔިތުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމާއި އެކުގައި ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ކެމްޕޭންގެ ދަށުން ދެން ވެކްސިން ޖަހާފައި ވަނީ އައި.ޖީ.އެމް.އެޗް.ގެ ނަރުހަކާއި ހަކުރު ބަލި ހުންނަ ބޭފުޅެކެވެ. އެއަށްފަހު ވެކްސިން ޖެއްސެވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ އިތުރުން ދައުލަތުގެ ބައެއް އިސްވެރިންނާއި، ފްރޮންޓްލައިންގައި މަސައްކަތްކުރާ ޞިއްޙީ ދާއިރާއާއި އެހެނިހެން ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނާއި، ބަލީގެ ނުރައްކާތެރިކަން ބޮޑު އަދި އުމުރުން ދުވަސްވީ މީހުން ހިމެނޭ ގޮތުން ޖުމްލަ 36 މީހަކަށް މިއަދު ވެކްސިން ޖަހާފައިވެއެވެ.

މާލެއާ އެކުގައި އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައި ވެސް ވެކްސިން ޖެހުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. މާލެ ސިޓީގައި ވެކްސިން ޖެހުން ކުރިއަށްގެންދާނީ އައި.ޖީ.އެމް.އެޗް، ހުޅުމާލެ ހޮސްޕިޓަލް، ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭ.ޑީ.ކޭ. ހޮސްޕިޓަލް، އަދި ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް ލިބިފައިވަނީ 2021 ޖަނަވަރީ 20 ވަނަ ދުވަހުއެވެ. މިއީ، ރައްކާތެރިކަން ކަށަވަރުކޮށް، ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ދީފައިވާ ވެކްސިނެކެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، ކުރިއަށްއޮތް ހަ މަސްދުވަހުގެ ތެރޭގައި ކޯވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން