ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް ރަޝީދުގެ ޢާއިލާއަށް ރައީސް ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެ

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް ރަޝީދުގެ ޢާއިލާއަށް ރައީސް ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެ

އިޔެއް އަވަހާރަވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް ރަޝީދުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ރައީސް ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން އިބްރާހީމް ރަޝީދުގެ ދަރިކަނބަލުން އަލްފާޟިލާ ޢާއިޝަތު ރަޝީދުއާއި އަދި މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ދަރިކަލުން މުޙައްމަދު ރަޝީދާ، ރައީސް ޞާލިޙް ފޯނުން ގުޅުއްވައި މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު އަވަހާރަވުމަކީ، މުޅި ޤައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމުގައިވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އަދި ޢާއިލާއަށް މި ލިބުނު ފުން ހިތާމައަށް ކެތްކުރެއްވުމުގެ ހިތްވަރު ދެއްވައި، މަރްޙޫމުގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދިވަޑައިގެން ދުޢާ ކުރެއްވިއެވެ.

​ އިބްރާހީމް ރަޝީދުގެ މޫނުފުޅު ދެކެވަޑައިގަތުމަށް، ރައީސް ޞާލިޙް އިޔެއް ހަވީރު ހެންވޭރު ކަރަންކާގެއަށް ޒިޔާރަތް ކުރެއްވިއެވެ. އަދި ޢާއިލާގެ ބޭފުޅުންނާ ބައްދަލުކުރައްވައި ތަޢުޒިޔާ ވިދާޅުވިއެވެ.


އިބްރާހީމް ރަޝީދު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު، އިޔެއް މެންދުރުފަހުގެ ވަގުތެއްގައި ހެންވޭރު ކަރަންކާގޭގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 92 އަހަރެވެ.

މިއަދު އޮންލައިން