ކޮވިޑްގެ ނުރައްކާތެރިކަމުގެ ރަނގަބީލުގެ އަޑުގަދަވަނީ! ރާއްޖޭގައި ކޮވިޑްޖެހޭ މީހުންގެ ޙާލު ސީރިއަސްވެ އައިސީޔޫތައް ފުރެނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ކޮވިޑްގެ ނުރައްކާތެރިކަމުގެ ރަނގަބީލުގެ އަޑުގަދަވަނީ! ރާއްޖޭގައި ކޮވިޑްޖެހޭ މީހުންގެ ޙާލު ސީރިއަސްވެ އައިސީޔޫތައް ފުރެނީ!

ރާއްޖޭގައި ކޮވިޑްޖެހޭ މީހުންގެ ޙާލު ސީރިއަސްވެ އައިސީޔޫތައް ފުރެމުންދާތީ ކަންބޮޑުވުން އިތުރުވެއްޖެއެވެ. 

"ކޮވިޑްހުއްޓުވާނީ އަހަރެން" ކަމަށް ދައުވާކޮށް ކޮވިޑް ހުއްޓުވަން "ގޮށްމުށުބާރު" ދެއްކޭނެކަން އެންމެ ބޮޑަށް އިޝްތިހާރުކުރާ ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ރޭ ޑރ. ޔޫސުފް ޝާން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގެ 50 އިންސައްތަ މިހާރުވެސް ފުރިގައިވާ ކަމަށެވެ. މިޙާލަތަށް ދިއައިރު މިދިއަ ޑިސެމްބަރުމަހު އައިސީޔޫގައި އެންމެ މީހަކު ނެތް ދުވަސްތައް ދިއަކަން ޑރ. ޝާން ވަނީ ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައިވެސް ގިނަ ބައަކު އެޑްމިޓްކޮށްފައި އެބަތިބިކަންވެސް ޑރ. ޝާން ފާހަގަކުރެއްވިއެވެ. 

ކޮވިޑް ރާއްޖޭގައި ފެށިގެން އައި ދުވަސްވަރު ޑޮކްޓަރުން ދެއްވަމުން ގެންދެވި އިންޒާރު ޑރ. ޝާން ރޭވެސްވަނީ ތަކުރާރުކުރައްވައިފައެވެ. އެއީ ބަލިޖެހި ޙާލު ސީރިއަސްވާމީހުން ގިނަވެއްޖެނަމަ އައިސީޔޫތައްފުރި ބަލިމީހުންނަށް އެކަށީގެންވާ ފަރުވާ ނުދެވދާނެ ކަމުގެ އިންޒާރެވެ. 

ކުރިން ރާއްޖެއިން ފެނުނީ ކޮރޯނާގެ އންމެ އާދައިގެ ވައްތަރެއްކަމަށް ބެލެވުނުނަމަވެސް ދުނިޔެއިން ފެންނަމުންދާ ނުރައްކައުތެރިވައްތަރުތަކަށް ބިރުގަންނަން މިއަދުޖެހެއެވެ. ޤައުމުތަކުން މިހާރުދަނީ ނުރައްކައުތެރިވައްތަރުތައް ފެނުން އިތުރުވަމުންނެވެ. 

މިހާރު ޕޮޒިޓިވްވާ ޢަދަދަށް ކުރިން ޕޮޒިޓިވްވަމުން އައިއިރު މިހައިގިނަ މީހުން އައިސީޔޫގައި އެޑްމިޓްކުރަން ނުޖެހޭކަން ފާހަގަކުރެވެއެވެ. 

މިޙާލަތުގައި ރައްޔިތުންގެ ސަމާލުކަން މިކަމަށް ނުދީ ޢާންމު ދިރިއުޅުމުގައި އުޅޭފަދައިން ޢަމަލުތައް ބަހައްޓާނަމަ ގިނަބައަކަށް ބަލިޖެހި ނުރައްކަލާއި ކުރިމަތިލާންޖެހޭނެކަން ޤަބޫލުކޮށް ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށަން މިއަދުމިވަނީ މަޖުބޫރުވެފައެވެ. 

ހަމައެކަނި އަތްދޮވުމާއި މާސްކް އެޅުމުން ފުއްދާނުލައި ގެއިން ބޭރަށް ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ނުނުކުތުން ފަދަ ކަންކަމަށް ސަމާލުކަންދޭން މިވަނީ މަޖުބޫރުވެފައެވެ. 

ރައްކައުތެރިކަމުގެ އެންމެ މުހިންމު ފިޔަވަޅަކީ މާތް ﷲ ގެ ޙަޟްރަތުން ރައްކައުތެރިކަން އެދުމެވެ. ވީމާ ގެއިން ބޭރަށް ނުކުންނަނަމަވެސް ވީހައި ގިނައިން ޛިކުރުތައްކިޔައި ރައްކައުތެރިކަމަށް އެދޭށެވެ! އަދި ކޮރޯނާ އާއި އެހެންވެސް ބަލިތަކުން ސަލާމަތްކަމަށްއެދި ދުޢާކުރަމުން ގެންދާށެވެ!

މިއަދު އޮންލައިން