މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން 2030 ވަނަ އަހަރަށް ދިވެހިރާއްޖެއިން ދޫކުރާ ވިހަ ގޭސް 26 އިންސައްތައަށް ކުޑަކުރުމަކީ އަމާޒެއްކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ކްލައިމެޓް އެޑެޕްޓޭޝަން ސަމިޓް 2021 ގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޮންލައިންކޮށް ބޭއްވި މި ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރިމަތިވާ ގެއްލުންތަކަކީ ބޮޑު ގޮންޖެހުމެއް ކަމަށާއި އެކަމާއި ގުޅިގެން މީހުންގެ ދިރިއުޅުމަށް ބޮޑެތި ގެއްލުންތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.
އަދި މި ގެއްލުންތައް ކުރިމަތިވާލެއް ގިނަވަމުން އަންނަ ކަމަށާއި މީގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތައް ކުރުމަށް އިތުރު ދަތިތަކާއި ކުރިމަތިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި ގެއްލުންތައް ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ އެކަމަކަށް ވަރަށް ގިނަ ފައިސާގެ އެހީ އާއި ވަސީލަތްތައް ބޭނުންވާނެ ކަމެއްކަންވެސް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ކޮވިޑް 19 ގެ ސަބަބުން ދިވެހިރާއްޖޭގެ ޖީޑީޕީ އަށް އަސަރުކޮށްފައިވާކަމަށާއި މި ސަރުކާރުގެ އެއް ޕޮލިސީ އަކީ ކޮވިޑް 19 ގެ ވަބާއިން އަރައިގަންނައިރު ވަރުގަދަކޮށް ތަރައްޤީގެ ކަންކަމާއިގެން ކުރިއަށްދިއުންކަމަށެވެ. އަދި ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ގައި ކްލައިމެޓް އެޑެޕްޓޭޝަން ހަރުދަނާކުރުމަށް ހިމަނާފައިވާނެކަންވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެ ހިއްސާކުރަނީ ދުނިޔޭގެ ނިސްބަތުން ޖައްވަށް ދޫކުރާ ވިހަގޭހުގެ އެންމެ 0.003 އިންސައްތަ ކަމަށާއި އެހެންނަމަވެސް، ދިވެހިރާއްޖެއިން ލީޑަރޝިޕް ދައްކާނެކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ހަރުދަނާ ބޮޑެތި ފިޔަވަޅުތައް އެޅުމަށާއި ބޮޑެތި ނިންމުންތައް ނިންމުމަށް ގޮވާލާނެކަމަށާއި އަދި މިކަމުގައި ސާބިތުވެ ހުންނަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަމާޒަކީ، 2030 އަށް ދިވެހިރާއްޖެއަކީ ނެޓް ޒީރޯ ޤައުމަކަށް ހެދުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ނަމަވެސް، ދިވެހިރާއްޖެ ނެޓް ޒީރޯ ޤައުމަކަށް ހެދެން އޮތީ، ދުނިޔޭގެ ޤައުމުތަކުން އެކަމަށް ބޭނުންވާ އެއްބާރުލުން ލިބިގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުން ސައިންޓިސްޓުންނާއި، ޕްރައިވެޓް ސެކްޓަރ އާއި، ސިވިލް ސޮސައިޓީ އަދި ޔޫތް ރިޕްރެޒެންޓޭޓިވްސް ހިމެނޭގޮތަށް ޖުމްލަ 18،500 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި 50 މިނިސްޓަރުންނާއި ދުނިޔޭގެ 30 ލީޑަރުންނާއި 50 އިންޓަރނޭޝަނަލް އޯގައިނައިޒޭޝަންތަކުން ވަނީ ބައިވެރިވެފައެވެ.