އެއްވެސް މީހަކު ދެކެ އެންމެން ލޯތްބެއް ނުވާނެއެވެ. ރުޅި އަންނަ ބައަކުވެސް ތިބޭނެއެވެ. އެގޮތުން އަހަރެން ދެކެ ރުޅި އައިސް ނފްރަތުކުރާ ބައަކުވެސް ތިބޭނެއެވެ! އެއީ އަހަރެން އެއްވެސް ވަރަކަށް ކަންބޮދުވާ ކަމެއް ނޫނެވެ.
ﷲ ތައާލާ ދުނިޔެއަށް ފޮނުއްވެވި ހުރިހާ ގޮތަކުންވެސް އެންމެ ފުރިހަމަ އަދި އެންމެ މާތް އިންސާނަކީ ރަސޫލް (ޞޢވ) އެވެ. އެންމެ މަތިވެރި އަޚްލާޤް ލިބިވަޑައިގެންނެވީވެސް މީސްތަކުންނަށް އެންމެ އިންޞާފުވެރި އަދި އެންމެ ޚުލްޤް ރަނގަޅު ބޭކަލަކީވެސް ރަސޫލާ (ޞޢވ) އެވެ. މިހުރިހާ އެންމެ މަތިވެރިކަމާއިއެކުވެސް ރަސޫލާ (ޞޢވ) ދެކެ ރުޅި އައި ބައަކުވެސް ތިއްބެވެ. ވީއިރު އަހަރެންނަކީ ދެން ކާކު ހެއްޔެވެ؟
އެހެންކަމާއިއެކުވެސް ދުވަހަކުވެސް ތިމާ ދެކެ ރުޅި އަތުވެދާނެ ކަމަށް އުންމީދު ވެސް ނުކުރާ މީހުން ނަފްރަތުކުރުމުން، ނަފްރަތުގެ ބަސްތައް ބުނުމުން އަސަރުވެސް ކުރެއެވެ. އެފަދަ ކަންކަން މެދުވެރިވެސް ވެއެވެ. ހިތާމައަކީ އަހަރެން ކުރާ މަސައްކަތުގެ ޙަޤީޤަތް ނުއެނގި ތިބެ ބައެއް މީހުން ރުޅި އަންނަ ކަމެވެ. އަހަރެން ކުރާ ކަމަކީ އެފަދަ މީހުންނަށްޓަކައި ހެޔޮ ދުޢާ ކުރުމެވެ.
މިވާހަކަތައް ބުނެދިނުމުގެ ބޭނުމަކީ މީހަކު ތިބާ ދެރަކުރަން ނުވަތަ ރުޅި އަރުވަން ކުރާ އެއްވެސް ކަމަކަށް މާޔޫސް ނުވަން ނަޞޭޙަތްތެރިވުމެވެ. އެފަދަ ޙާލަތްތައް މެދުވެރިވާނެކަމަށް އަބަދުވެސް ވިސްނައިގެން ހުރުމަށް ނަޞޭޙަތްތެރިވުމެވެ. ހަމަ އެއާއިއެކު މީހަކު ރުޅި އައިސް ކުރާ ކަމަކުން މާޔޫސް ނުވެ ޙައްޤު ގޮތުގައި އެމީހަކު ކުރާ ކަންކަން ކުރުން މަތީގައި ދެމިހުރުމަށް ވަޞިއްޔަތް ކުރުމެވެ.
ކުރާ ކޮންމެ ކަމެއްވެސް ﷲ ތައާލާއަށްޓަކައި ކުރަމުން ގެންދާށެވެ! އެކަލާނގެ ރުހިވޮޑިގަންނަވާ ވަގުތަކު އެކަމުގެ ބަދަލު މިދުނިޔޭގައިވެސް ދެއްވަވާނެތެވެ. އާޚިރަތުގައިވެސް މެއެވެ.
ދުނިޔޭގައި މުޞިބާތެއް ކުރިމަތިވި ނަމަވެސް މީހެއްގެ ނަފްރަތު ލިބުނު ނަމަވެސް ކުރަން އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ ﷲ ތައާލާ އާއި އިތުރަށް ކުއްތަންވުމަށް މަސައްކަތްކުރުމެވެ. ކޮންމެ ހިތްހަމަ ނުޖެހުމަކާއި މުޞީބާތަކީވެސް ﷲ ތައާލާ ކުރިމަތރިކުރެއްވެވި އިމްތިޙާނެއް ކަމަށް ދެކޭށެވެ! އެއިރުން ހުރިހާ ކަމެއްވެސް ދާނީ ކާމިޔާބުވަމުންނެވެ. އިން ޝާ ﷲ.
- މުފްތީ މެންކުގެ ދަރުސަކުން