ދިފާޢީ ޤާބިލުކަން އިތުރުކުރުމަށް ފާއިތުވި 3 އަހަރަކީ އެންމެ ފުޅާދާއިރާއެއްގައި މަސައްކަތްކުރެވުނު 3 އަހަރު: ދިފާޢީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
ދިފާޢީ ޤާބިލުކަން އިތުރުކުރުމަށް ފާއިތުވި 3 އަހަރަކީ އެންމެ ފުޅާދާއިރާއެއްގައި މަސައްކަތްކުރެވުނު 3 އަހަރު: ދިފާޢީ ވަޒީރު

ރާއްޖޭގެ ދިފާޢީ ޤާބިލުކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް ފާއިތުވި 3 އަހަރަކީ އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެވުނު އަހަރުތައް ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ޤައުމު ދިފާޢުކުރުމަށް އަމިއްލަ ޤާބިލުކަން އިތުރުކުރުމަކީ ރައީސް ޚާއްސަ އިސްކަމެއް ދެއްވައިގެން ގެންގުޅުއްވާ ސިޔާސަތެއް ކަމަށެވެ. އަދި އެ މަޤްޞަދު ޙާޞިލުކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްޕުޅު ކުރައްވާފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ދިފާޢީ ހަކަތަ ވަރުގަދަކުރުމަށް މި މުއްދަތުގެ ތެރޭގައި ގެނެވުނު ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، އަސްކަރިއްޔާއަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމުކުރުމާއި މީހުން ބިނާކުރުމުގައި ފާއިތުވި ދުވަސްތަކަކީ ނަމޫނާ އަހަރުތަކެއް ކަމަށެވެ. އެގޮތުން އަލަށް އުފެއްދި އެއަރ ކޯގެ ޚިދުމަތާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް ކުރެވުނު މުހިންމު މަސައްކަތްތަކުން މިހާރުވެސް އެދެވޭ ރަނގަޅު ނަތީޖާ ފެންނަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރުން އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ތުރުކީވިލާތާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކު ޚާއްސަ މަނަވަރެއް ހޯދުމުގެ އިތުރުން، ކޯސްޓްގާޑަށް ބޭނުންވާ މެރިޓައިމް ސެކިއުރިޓީގެ އިތުރު 20 އުޅަނދު ހޯދުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން 12 ސީއެމްބިއުލާންސް ޚިދުމަތަށް ނެރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާއިރު، ޖަޕާން ސަރުކާރުގެ އެހީގައި އިތުރު 3 އުޅަނދު ލިބޭނެ ކަމަށް ބެލެވޭ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

ދިފާޢީ ދާއިރާ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ޙަސަން ރަޝީދު ވިދާޅުވީ، "ސަރުކާރުގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ ދިވެހިން އަމިއްލައަށް ޤައުމު ދިފާޢުކުރުމަށް އެމްއެންޑީއެފް ޤާބިލު މުއައްސަސާއަކަށް ހެދުމަށް ކުރާ ކަންކަން، ސިފައިންނަށް ބޭނުންވާ ތަމްރީންތައް ފޯރުކޮށްދިނުމާ، ކުރިން ނެތް އެއާކޯގެ ޚިދުމަތެއް. އެއާކޯ އުފެއްދުމަކީ ވެސް ވަރަށް ފާހަގަކޮށްލެވޭ ކަމެއް" ކަމަށެވެ.

މިއަދު އޮންލައިން