ޚާރިޖީ ވުޒާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށާއި، އެ ވުޒާރާގެ މުވައްޒަފުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ޚާއްޞަ "އޯޕަން ޑޭ" އެއް ބޭއްވުމަށް އެ ވުޒާރާއިން ނިންމައިފިއެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 3:00 އިން 6:00 އަށް، ޚާރިޖީ ވުޒާރާގައެވެ.
މި ހަރަކާތަކީ "ޑިޕްލޮމަސީ ވީކް 2026" އާ ގުޅުވައިގެން، "ހާރިޖިއްޔާ ދިވެހިންނާ ގާތަށް" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މިއީ ހާރިޖީ ދާއިރާގެ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން، ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށާއި، ރައްޔިތުންގެ ބޭނުންތަކަށް އަވަސް އިޖާބައެއް ދިނުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ހާމަކޮށްދޭ ހަރަކާތެކެވެ.
މި އޯޕަން ޑޭގެ ތެރޭގައި އާންމުންނަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ޚާއްޞަ ކައުންޓަރުތަކެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހިމެނޭ މުހިންމު ޑެސްކުތަކަކީ:
- ވިސާ ކޯނަރ: ވިސާއާ ގުޅޭ މަޢުލޫމާތާއި، ކޮންސިއުލަރ ޚިދުމަތްތަކުގެ އިތުރުން ލިޔެކިޔުންތައް އެޓެސްޓްކުރުމާ ބެހޭ މަޢުލޫމާތު.
- ވީއެފްއެސް ސާވިސަސް ޑެސްކް: ވިސާއަށް އެދި ހުށަހަޅާނެ ގޮތާއި، ބޭނުންވާ ލިޔެކިޔުންތަކާއި ޝަރުޠުތަކާ ބެހޭ އިރުޝާދު.
- ޖޮބް ކޯނަރ: އެ ވުޒާރާއިން ލިބެންހުރި ވަޒީފާގެ ފުރުޞަތުތަކާއި، ފަންނީ ގޮތުން ކުރިއަށްދިއުމުގެ މަގުތަކާ ގުޅޭ މަޢުލޫމާތު.
- ކޯލް ސެންޓަރ: އެ ވުޒާރާގެ މުވައްޒަފުންނާ ސީދާ ވާހަކަދައްކައިގެން ޚިދުމަތްތަކާ ގުޅޭ އިރުޝާދާއި މަޢުލޫމާތު ސާފުކުރުން.
- ކުއިޒް އަދި ޓްރިވިއާ: އެ ވުޒާރާގެ މަސައްކަތްތަކާއި ޚިދުމަތްތަކާ މެދު އާންމުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ ޝައުޤުވެރި ހަރަކާތްތައް.
މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އެހީތެރިކަމާ ގުޅޭ މަޢުލޫމާތު ވެސް މި ހަރަކާތަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.