ތިމާވެއްޓަށް ގެއްލުންދޭ ނުރައްކާތެރި މާއްދާތައް ކަމަށްވާ ޕާސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސް (ޕޮޕްސް) އާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އިންވެންޓަރީ ރިޕޯޓުތައް ފާސްކުރުމަށާއި، ކަމާބެހޭ އެކްޝަން ޕްލޭން އެކުލަވައިލުމަށް ބޭއްވި ދެ ދުވަހުގެ މަސައްކަތު ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ނޮވެންބަރު މަހުގެ 16 އިން 17 އަށް ކުރިއަށްދިޔަ މި މަސައްކަތު ބައްދަލުވުމަކީ "ރިވިއު އެންޑް އަޕްޑޭޓް އޮފް ދަ ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން ފޮރ ދަ ސްޓޮކްހޯމް ކޮންވެންޝަން އޮން ޕާސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސް އިން މޯލްޑިވްސް" މަޝްރޫޢުގެ ދަށުން އިންތިޒާމުކޮށްގެން ބޭއްވި ބައްދަލުވުމެކެވެ.
މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޕޮޕްސް އެކުލެވޭ މާއްދާތައް ހުރި މިންވަރު ދެނެގަތުމަށް ހަދާފައިވާ އިންވެންޓަރީ ރިޕޯޓުތައް ކަމާގުޅުންހުރި އިދާރާތަކުގެ ބައިވެރިވުމާއެކު މުރާޖަޢާކޮށް، ސައްޙަކަން ކަށަވަރުކުރުމެވެ (ވެލިޑޭޓްކުރުން). މީގެ އިތުރުން، މި މާއްދާތައް ރައްކާތެރިގޮތުގައި ނައްތާލުމަށާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރިއަށް އޮތްތަނުގައި އަޅާނެ ފިޔަވަޅުތަކުގެ މައްޗަށް އެކުލެވޭ ޤައުމީ އެކްޝަން ޕްލޭނެއް އެކުލަވައިލުންވެސް މި ބައްދަލުވުމުގެ ތެރޭގައި ކުރިއަށްދިޔައެވެ.
ސްޓޮކްހޯމް ކޮންވެންޝަނަކީ އިންސާނުންގެ ޞިއްޙަތާއި ތިމާވެށި، ނުރައްކާތެރި ކެމިކަލްތަކުން ރައްކާތެރިކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެކުލަވާލާފައިވާ މުހިންމު މުޢާހަދާއެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ޤައުމީ ޕްލޭން އަލުން މުރާޖަޢާކޮށް އަދާހަމަކުރުމަކީ، ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެކެވެ.
މި ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި، މުއައްސަސާތަކުގެ އިތުރުން ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވެ، ޕްލޭން ފުރިހަމަކުރުމަށް ބޭނުންވާ މުހިންމު ޚިޔާލުތަކާއި މަޝްވަރާތައް ވަނީ ޙިއްޞާކޮށްފައެވެ.
ހަބަރު: ސަރުކާރު