އިމިގްރޭޝަންގެ އާ ބިލާއެކު އިސްރާއީލް މީހުންނަށް ރާއްޖެއަށް އެތެރެވުން މުތުލަގަށް މަނާވާނެ: މެންބަރުން

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 36ސ
އިމިގްރޭޝަންގެ އާ ބިލާއެކު އިސްރާއީލް މީހުންނަށް ރާއްޖެއަށް އެތެރެވުން މުތުލަގަށް މަނާވާނެ: މެންބަރުން

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިމިގްރޭޝަންގެ އާ ބިލާއެކު، އިސްރާއީލުގެ ޕާސްޕޯޓް ގެންގުޅޭ އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެވުން މުތުލަގަށް މަނާވެގެންދާނެ ކަމަށް މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލަށް ބަޙުސް ކުރެއްވި މެންބަރުން ފާހަގަކުރެއްވި ގޮތުގައި، ޢަމަލުކުރަމުންދާ އިމިގްރޭޝަންގެ ޤާނޫނުގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނޯންނާނެ ފަރާތްތައް ބަޔާންކޮށް، ހާލަތަށް ރިއާޔަތްކޮށް އިސްރާއީލުގެ ޕާސްޕޯޓުގައި އެތެރެނުވެވޭނެ ގޮތްތަކެއް ކުރިން ހިމެނިފައި އޮތް ނަމަވެސް، އަލަށް ހުށަހެޅި ބިލުގައި އެއްވެސް ހާލަތަކަށް ރިއާޔަތްނުކޮށް އިސްރާއީލުގެ ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ރާއްޖެއަށް ނާދެވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ. މެންބަރުން ވިދާޅުވި ގޮތުގައި މިއީ އިސްރާއީލާ ދެކޮޅަށް ރާއްޖެއިން ގެންގުޅޭ ސިޔާސަތު ސާފުކޮށް ހާމަކުރުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެކެވެ.

މި ބިލަށް ވާހަކަދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ، އިމިގްރޭޝަން އޮފީސް ތަރައްޤީކުރުމާއި މުވައްޒަފުން ތަމްރީނުކުރުމުގެ ކަންކަން މި ބިލުގައި ފުރިހަމައަށް ބަޔާންކޮށްފައިވާ ކަމަށެވެ. މީގެއިތުރުން، އިސްރާއީލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމަށް ދީނީ ޢިލްމުވެރިންނާއި ޢާންމު ރައްޔިތުން ތަކުރާރުކޮށް އެދުމުންވެސް ކުރީގެ ސަރުކާރުން އެކަމުގައި ތަފާތު ބަހަނާތައް ދެއްކެވި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"މިއީ ކުރީ ސަރުކާރަށް ކުރަން ކެރިވަޑައި ނުގަތް ކަމެއް. އަޅުގަނޑުމެން މިކަން މިކުރީ. އިސްރާއީލު މީހުންނަށް މިހާރު ރާއްޖެއަކަށް ނާދެވޭނެ،" ފަލާހު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ވިދާޅުވީ، އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތަށް ނިންމަން ކެރުނީ މި ސަރުކާރަށާއި ޕީއެންސީގެ އަޣުލަބިއްޔަތު އޮތް މިހާރުގެ މަޖިލީހަށް ކަމަށެވެ. އަދި ރައްޔިތުން ތަކުރާރުކޮށް އެދެމުންދިޔައިރު ވެސް ކުރިން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނަށް އެ ފިޔަވަޅު އަޅަން ކެރިވަޑައިނުގަތް ކަމަށް އޭނާ ވިދާޅުވިއެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ އިބްރާހިމް ފާހަގަކުރެއްވި ގޮތުގައި، މި އިސްލާޙުތަކަކީ ޤައުމީ ސަލާމަތާ ސީދާ ގުޅުންހުރި މުހިންމު ނިންމުންތަކެކެވެ. ނަމަވެސް އިދިކޮޅު މެންބަރުން މަސައްކަތްކުރައްވަނީ ބިލުގައި ހިމެނޭ ކަންކަމުގެ ހަޤީޤަތް އޮޅުވާލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބަޙުސްގައި ބިލާ ދެކޮޅަށް ވާހަކަދެއްކެވި ބައެއް މެންބަރުން ވަނީ ކައިރިކައިރީގައި މިފަދަ ބޮޑެތި ޤާނޫނީ ބަދަލުތައް ގެންނަމުންދާތީ އެކަމާމެދު ހުރި ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ.

ސަރުކާރުން ހުށަހެޅި މި ބިލުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި 'މޯލްޑިވްސް އިމިގްރޭޝަން' ގެ ނަމުގައި މަދަނީ ވަކި ޚިދުމަތެއް ޤާއިމުކުރުމާއި، ރާއްޖެއަށް މީހުން އައުމާއި ފުރުމުގެ ޚާއްޞަ އުސޫލުތައް އެކަށައެޅުމުގެ އިތުރުން، ދިވެހި ރައްޔިތުންނަށް ޕާސްޕޯޓު ދޫކުރުމާ ގުޅޭ އުސޫލުތައް ޒަމާނީ މިންގަނޑުތަކާ އެއްގޮތަށް ބަޔާންކުރުމެވެ.

މިއަދު އޮންލައިން