މެލޭޝިއާއިން ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެއްޗާއެކު ދިވެއްސަކު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ކަސްޓަމްސްއިން ވިދާޅުވީ މި މައްސަލައާ ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) ހިފަހައްޓާފައިވަނީ މިމަހުގެ 8 ވަނަ ދުވަހު މެލޭޝިއާއިން ރާއްޖެއައި 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މި ތަކެތި ފެނިފައިވަނީ އޭނާގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން، އޭނާގެ ލަގެޖު ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. އިތުރަށް ބެލިބެލުމުން އޭނާގެ އަތުން ފެނިފައިވަނީ 3200 ގްރާމްގެ ހެރޮއިން ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.
މި މައްސަލައާ ގުޅުންހުރި އިތުރު ތަފްސީލުތައް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ އިތުރަށް ތަޙުޤީޤުކޮށް ބަލަމުންނެވެ.