ދިވެހިރާއްޖެއާއި ފަރަންސޭސިވިލާތާ ދެމެދު ސިޔާސީ މަޝްވަރާތައް ބޭއްވުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ގޮތުން ވެވުނު އެއްބަސްވުމުގެ ސަބަބުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެ ހަރުދަނާވެގެންދާނެ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ސިޔާސީ މަޝްވަރާތައް ގާއިމުކުރުމާ ގުޅޭ "ލެޓަރ އޮފް އިންޓެންޓް" ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. އަދި ފަރަންސޭސިވިލާތުގެ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރެމީ ލެމްބާޓް އެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު އިރުތިޝާމް ވިދާޅުވީ، ރާއްޖެއާއި ފަރަންސޭސިވިލާތަކީ ކަނޑުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ދެ ޤައުމު ކަމަށެވެ. އެހެންކަމުން، މި އެއްބަސްވުމުގެ ސަބަބުން ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވިދާނެ ގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް މުހިންމު ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، 1969 ވަނަ އަހަރުން ފެށިގެން ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވާއިރު، އެ ގުޅުމަކީ ދެމެހެއްޓެނިވި އިޚުތިރާމުގެ މަތީގައި ބިނާވެފައިވާ ވަރުގަދަ ގުޅުމެއްކަން ފާހަގަކުރައްވައި، މި އައު އެއްބަސްވުމާއެކު ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންގޮސް، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އުއްމީދަކީ މި އެއްބަސްވުމުގެ ސަބަބުން އިތުރު ފުރުސަތުތައް މަގުފަހިވުން. ދެ ޤައުމުގެ ގުޅުމަށް ބަލާއިރު، ވަރަށް ގާތް ގުޅުމެއް އެބައޮތް. ދެ ޤައުމުގެ ގުޅުމަށް 60 އަހަރު ފުރެން ގާތްވެފައި މިވަނީ،" ވަޒީރު ވިދާޅުވިއެވެ.