އެސްޓީއޯގެ ބަންކަރިންގެ ޚިދުމަތުން ލިބޭ އާމްދަނީ 70 މިލިޔަން ޑޮލަރަށްވުރެ މައްޗަށް އަރައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
އެސްޓީއޯގެ ބަންކަރިންގެ ޚިދުމަތުން ލިބޭ އާމްދަނީ 70 މިލިޔަން ޑޮލަރަށްވުރެ މައްޗަށް އަރައިފި

ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ޤައުމަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ މަޤުޞަދުގައި ތަޢާރަފުކުރި ބަންކަރިންގެ ޚިދުމަތުން އެސްޓީއޯއަށް ލިބުނު އާމްދަނީ 70 މިލިޔަން ޑޮލަރަށްވުރެ މައްޗަށް އަރައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ދައުލަތުގެ މީޑިއާގެ "ހަފްތާ 156" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމެވެ.

ޝިމާދު ވިދާޅުވީ، 2024 ވަނަ އަހަރު މި ޚިދުމަތް ފެށިފަހުން ޚިދުމަތް ހޯދާ ފަރާތްތަކުގެ އަދަދު އިތުރުވެ، އަހަރުން އަހަރަށް ކުންފުންޏަށް ލިބެމުންދާ ޖުމްލަ އާމްދަނީއަށް ބޮޑު ކުރިއެރުމެއް އަންނަމުންދާ ކަމަށެވެ. އަދި މިއީ ކުންފުންޏަށާއި މުޅި ޤައުމުގެ އިޤްތިޞާދަށްވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

އެސްޓީއޯއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ޚިދުމަތް ފެށި ފުރަތަމަ ދެތިން މަސްދުވަހުގެ ތެރޭގައި ލިބިފައިވަނީ 2.9 މިލިޔަން ޑޮލަރެވެ. ނަމަވެސް، 2025 ވަނަ އަހަރު އެ އަދަދު ވަނީ 18 މިލިޔަން ޑޮލަރަށް އުފުލިފައެވެ. އަދި މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މި ވިޔަފާރިން ލިބުނު އާމްދަނީ ވަނީ 70 މިލިޔަން ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.

މީގެ ކުރިން މި ވިޔަފާރީގެ މަންފާ ބޭރުގެ ފަރާތްތަކުން ނަގަމުންދިޔަކަން ފާހަގަކުރައްވަމުން ޝިމާދު ވިދާޅުވީ، މިހާރު މި ފައިސާ ސީދާ ރާއްޖެއަށް ވަންނަމުންދިއުމަކީ އިޤްތިޞާދަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

މީގެއިތުރުން، ބަންކަރިންގެ ޚިދުމަތް މިހާރަށްވުރެ ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި އިހަވަންދިއްޕޮޅު ފަދަ ސަރަހައްދުތަކުގައި އެއްގަމުގައި ތެޔޮ ރައްކާކުރާނެ ނިޒާމެއް (ލޭންޑް ބޭސްޑް ސްޓޯރޭޖް) ޤާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިވަގުތު މި ޚިދުމަތް މައިގަނޑު ގޮތެއްގައި ދެމުން އަންނަނީ ބޯޓުފަހަރު މެދުވެރިކޮށެވެ.

މިއަދު އޮންލައިން