ޖެންޑާ މިނިސްޓަރ ކަމުގެ ހުވާ މިއަދު އައިޝަތު މުޙައްމަދު ދީދީ ކުރައްވައިފިއެވެ.
މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ މަގާމުގެ ހުވާ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ގެ ކުރިފުޅު މަތީގައެވެ. ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދެވެ.
ޖެންޑާ މިނިސްޓަރ ކަމުގެ މަގާމަށް އައިޝަތު މުޙައްމަދު ދީދީ އައްޔަނު ކުރެއްވީ އެމަގާމުަގައި ކުރިން ހުންނެވި ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމުންނެވެ.
އައިޝަތު މުޙައްމަދު ދީދީ ވަނީ މީގެކުރިން ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރުކަން ވެސް ކުރައްވާފައެވެ. މީގެއިތުރުން ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ރައީސްކަމުގައި މިނިސްޓަރ އޮފް ޖެންޑާ އެންޑް ފެމިލީގެ މަގާމު ވެސް އެކަމަނާ ފުރުއްވާފައިވެއެވެ. އަދި އިޖުތިމާއީ ދާއިރާއިން ގިނަ އަހަރުތަކެއް ވަންދެން ވެސް ޚިދުމަތް ކޮށްފައިވެއެވެ.
މީގެ ތެރޭގައި ތަޢުލީމާއި، ކުޑަކުދިން އަދި އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ހިލޭ ސާބަހަށް ވަކާލާތުކުރެއްވުމާއި، ޖެންޑަރ އީކުއަލިޓީ ކައުންސިލްގެ ޗެއަރޕަރސަންކަމާއި، އ.ދ. ގެ ޓާސްކް ފޯސް އޮން ޖެންޑަރ ގެ މެންބަރުކަމާއި، އ.ދ. ގެ ޓާސްކް ފޯސް އޮން ޔޫތު އެންޑް އެޑޮލެސެންޓްސްގެ މެންބަރުކަމާއި، ޗިލްޑްރަންސް ހޯމް ގަވަރނިންގ ބޯޑުގެ ޗެއަރޕަރސަންކަމާއި، ކައުންސިލް ފޮރ ދި ރައިޓްސް އޮފް ޗިލްޑްރަންގެ ޗެއަރޕަރސަންކަމާއި، ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަންގެ މެންބަރުކަން ހިމެނެއެވެ.